ބޯހިޔާވަހިކަމަށް ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުން ދައްކަން ޖެހޭ ކުލީގެ 70 ޕަސެންޓް ސަރުކާރުން ދިނުމަށް ލާޒިމް ކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މި ޤަރާރު މަޖިލީހަށް ބަލައިގަތުމަށް ވޯޓުދެއްވީ 6 މެންބަރުންނެވެ. ޤަރާރު ބަލައިނުގަންނަ ކަމަށް 65 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.

މެމްބަރު ޖާބިރު ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ ވެރިރަށް މާލޭގައި ކަމަށެވެ. އަދި އެ ފަރާތްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑު އަދަދެއް ހަރަދު ކުރަން ޖެހިފައިވަނީ ކުއްޔަށް ކަމަށްވެސް ބުނެފައިވެއެވެ.

މާލޭގެ ކުލިތައް އަހަރުން އަހަރަށް ބޮޑުވަމުން ދާތީ، ތަންތަން ކުއްޔަށް ހިފައިގެން މާލޭގައި ދިރިއުޅޭ ފަރާތްތަކާއި، އަދި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދަކީ ކޮންމެ ރިޔާސީ ކެންޑިޑޭޓެއްގެ ރިޔާސީ ވައުދެއް ކަމަށެވެ.

އަދި އެ ވައުދު ފުއްދަވާނެ ކަމުގެ އުއްމީދުގައި ރައްޔިތުން އިންތިހާބުކުރާ ކޮންމެ ސަރުކާރެއްގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރުވެސް އެ މައްސަލައަށް ހައްލެއް ގެނެވިފައިނުވާ ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ. ގަރާރަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ މި ގަރާރަށް ތާއީދު ނުކުރެވޭކަން ހާމަ ކުރައްވާފައެވެ.

އެގޮތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ދައުލަތް ބަނގުރޫޓުވާ މަގަށް ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަ ނޭޅުއްވުމަށް އެދޭ ކަމަށެވެ.