ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން މޯލްޑިވިއަންއިން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލާފައިވާތީ، ލިބެމުންދާ ގެއްލުން ކުޑަކުރުމަށް އިންޑިއާގެ އިތުރު މަންޒިލްތަކަށް ދަތުރުފަށަން ނިންމާފައިވާކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަންގެ އެޕް ތާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ، އެ ކުންފުނިން ރާއްޖެއިން ބޭރަށް ދަތުރުކުރަން ބޭނުން ކުރާ އެއާބަސް އޮޕަރޭޝަންގެ ބޮޑުބައި ބިނާވެފައި އޮތީ ޗައިނާއަށް ކުރާ ދަތުރުތަކަށް ކަމަށެވެ.

ނަމަވެސް ކޮރޯނާވައިރަސްގެ ސަބަބުން ދަތުރުތައް މެދުކަނޑާލަން ޖެހުމުން ކުންފުންޏަށް ގެއްލުން ވަމުންދާކަން ރިޒްވީ ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ގެއްލުން ކުޑަކުރެވޭނެ ގޮތްތައް ހޯދަމުންދާ ކަމަށާއި، މިގޮތުން އިންޑިއާގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

"ގެއްލުން ކުޑަ ކުރަން މިދަނީ މަސައްކަތްތަކެއް ކުރަމުން. އެހެންވެ އިންޑިއާގެ އާ މަންޒިލް ތަކަށް ދަތުރު ފަށަން މިދަނީ މަސައްކަތް ކުރަމުން. ނަމަވެސް އަދި ފައިނަލެއް ނުކުރެވޭ ކޮން މަންޒިލް ތަކެއް ކަމެއް،"
މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ

ރިޒްވީ ވިދާޅުވީ ރާއްޖޭން ބޭރަށް ދަތުރުކުރާ އެއާ ކްރާފްޓެއް ގްރާއުންޑް ކޮށްފަ ނުބޭއްވޭނެ ކަމަށާ، އެހެންވެ އިތުރު މަންޒިލްތަކަށް ފަށަން ނިންމީ ކަމަށެވެ.

އެއާ ކްރާފްޓެއްގެ ހަރަދުތައް ދާނީ އަރަމުން ކަމަށާއި، އިންޑިއާއަށް ދަތުރުތައް ފަށަން ނިންމީ އެންމެ ކައިރިން އެންމެ އަވަހަށް ފެށޭނެ މަންޒިލަކަށް އޮތީ އިންޑިއާކަމަށް ވާތީކަމަށް ރިޒްވީ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލުމާ ހަމައަށް މޯލްޑިވިއަންއިން ހަފުތާއަކު ހާހެއްހާ ޓޫރިސްޓުން ޗައިނާގެ ހަތަރު ސިޓީއަކުން ރާއްޖެއަށް ގެނެއެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ހުއްޓާލާފައިވާއިރު، މިވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ދުނިޔޭގެ ބޮޑެތި އަދި ކުދި އެއަރލައިންތަކުންވެސް މިފަދަ ފިޔަވަޅުތައް ވަނީ އަޅާފައެވެ.