އެއްވެސް ފަރާތަކުން މައުލޫމާތެއް ހޯދަން ޓުއަރިޒަމް މިނިސްޓްރީއަށް ހުށައަޅައިފިނަމަ އެ މައުލޫމާތެއް އެމީހަކަށް ފޯރުކޮށްދިނުމުގައި ފަހަތަށްޖެހިފައި ނުވާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓްރޭޑް ޔޫނިއަނުން ޓުއަރިޒަމް މިނިސްޓްރީއަށް އެމްއެމްޕީއާރުސީއާ ގުޅޭ މައުލޫމާތެއް ހޯދުމަށް ހުށައެޅުމުން އެ ހުށައެޅުމަށް މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށް ބުނެ ޓްރޭޑް ޔޫނިއަނުން އިންފޯމެޝަން ކޮމިޝަނަށް ވަނީ މައްސަލަ ހުށައަޅާފައެވެ.

އެހެންނަމަވެސް ޓްރޭޑް ޔޫނިއަނަށް އެދުނު މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށްބުނެ ޓުއަރިޒަމް މިނސިްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.

ޓްރޭޑް ޔޫނިއަނުން އިންފޮރމޭޝަން ކޮމިޝަނަށް މައްސަލަ ހުށައެޅުމުން މިމައްސަލައިގެ އަޑުއެހުމަށް ޓުއަރިޒަމް މިނިސްޓްރީއަށް ހާޒިރުވާން އެންގުމުން، ހާޒިރުނުވުމުން، އިންފޮމެޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ ވަނީ މިނިސްޓްރީގެ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށްބުނެ ޓްވީޓް ކުރައްވާފައެވެ.

ފިޔާޒްގެ ޓްވީޓުގައިވަނީ، ރައްޔިތުންގެ ހައްގަކީ ކުޅޭކުޅޭ އެއްޗެއް ނޫން ކަމަށާއި، މާއްދާ 29 ނެގެހެއްޓުމަށް ގާނޫނުން ލިބިދޭ ބާރުގެ ބެނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެކަމަށް ވިދާޅުވެފައެވެ.

އިންފޮރމޭޝަން ކޮމިޝަނާގެ ޓްވީޓާ ގުޅުވައިގެން ޓުއަރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ، ޓުއަރިޒަމް މިނިސްޓްރީން އެމްއެމްޕިއާރުސީއަށް އެއްވެސް ފަޅުރަށެއް ކުއްޔަށް ދޫކޮށްފައިވޭތޯ ބެލުމަށާއި، ދޫކޮށްފައިވާނަމަ އެރަށެއްގެ ލީސް އެގްރިމެންޓުގެ ކޮޕީއެއް ހޯދުމަށް ޓްރޭޑް ޔޫނިއަނުން 9 ޖޫން 20169 ގައި ހުށައަޅާފައިވާ ހުށައެޅުމަށް 15 ޖުލައި 2019 ގައި ޖަވާބުދީވާފައިވާނެ ކަމަށެވެ.

އަދި އިންފޮމޭޝަން ކޮމިޝަނަރ ޓްވީޓުގައި ހާމަކުރެއްވި މައުލޫމާތު ތަކާމެދު އެ މިނިސްޓްރީން ނުހަނު ކަންބޮޑުވާ ކަމަށްވެސް ޓުއރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް ބިރުދެއްކުމުގެ ގޮތުން ކުރާ އެއްވެސްކަމެއް މިނިސްޓްރީން ބަލައިނުގަންނާނެ ކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީގެ ޕޮލިސީ ލެވަލްގައި ހިނގާ ކަންކަމުގައި ޒިންމާވެ، ޖަވާބުދާރީވާނީ ޓުއަރިޒަމް މިނިސްޓަރު އަދި ސިޔާސަތު ނިންމާ ޕޮލިސީ މުވައްޒަފުން ކަމުގައިސް ބުނެފައިވެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މ،ި މައްސަލާގައި ސާފުކުރަންޖެހޭ އިތުރު ކަމެއްވާނަމަ އެކަމަކަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ނުވަތަ ޝަރުއީ ކޯޓެއްގައި ޖަވާބުދާރީވާން މިނިސްޓްރީން ތަައްޔާރަށް އޮތް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަމަށް މިނިސްޓްރީން ފުރިހަމައަށް ގަބޫލުރާ ކަމަށާއި، 17 ނޮވެމްބަރ 2018 ވަނަ ދުވަހުން ފެށިގެން ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ފޯރުކޮށްދެމުން އައި ފަދައިން ކުރިއަށް އޮތް ތަނުގައިވެސް އަމަލުކުރަމުން ދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން އެމްއެމްޕީއާރުސީއާ ގުޅޭގޮތުން ހިންގަމުންދާ ހުރިހާ ތަހުގީގަކަށް ޓުއަރިޒަމް މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ދެމުންދާކަންވެސް ފާހަގަކޮށްފައިވެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ވަނީ މިނިސްޓްރީގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ރައްޔިތުންގެ އިތުބާރާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކޮށްގެން ތިބި ދޭސީ އަދި ބިދޭސީ އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓައި ނަގަހައްޓާނެ ކަމުގެ ޔަގީންކަން ދީފައެވެ.