ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސްގައި މަރުވި މީހުންގެ އަދަދު ހާހަކަށްވުރެ މައްޗަށް ހިނގައްޖެއެވެ.

ވައިރަސްގައި އަންގާރަ ދުވަހަކީ އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ. މިވައިރަސްގައި ޗައިނާއިން އަންގާރަ ދުވަހު އެކަނިވެސް ވަނީ 108 މީހުން މަރުވެފައި ވެއެވެ.

މިއަދަދާއެކު، ކޮރޯނާވައިރަސްގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 1،016 އަށް އަރާފައިވާ ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައި ވެއެވެ.

އަދި ހޮންގްކޮންގާއި، ފިލިޕީންސުން މަރުވި ދެމީހުންނާއެކު ވައިރަސްގެ ސަބަބުން މިހާތަނަށް ދުނިޔެއިން މަރުވި މީހުންގެ އަދަދު 1،018 އަށް އަރާފައި ވެއެވެ.

މިއާއެކު، މި ވައިރަސް ދުނިޔޭގެ 25 ގައުމަށް ފެތުރި، ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދުވެސް 42،000 އަށްވުރެ މައްޗަށް ވަނީ ގޮސްފައެވެ.

ނޮވެލް ކޮރޯނާވައިރަސްގައި މަރުވި މީހުންގެ އަދަދު ހާހަކަށްވުރެ މައްޗަށް މިދިޔައީ، އެއްވެސް އިރެއްގައި ޗައިނާއަށް ދަތުރުކޮށްފައި ނުވާ މީހުންގެ މެދުގައިވެސް ވައިރަސް ފެތުރެމުންދާކަމުގެ ރިޕޯޓާއެކު، މިކަމަކީ، ރޯވާންއުޅޭ ބޮޑު އަލިފާންގަނޑެއްގެ ކަންޏަކަށް ވެދާނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން އިންޒާރު ކޮށްފައި ވަނިކޮށެވެ.

ވައިރަސްގެ މައްސަލަ ތަހްގީގުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ޚާއްސަ ތަޖުރިބާކާރުންގެ ޓީމުގެ އެޑްވާންސް ޓީމެއް އިއްޔެގައިވަނީ ޗައިނާއަށް ގޮސްފައެވެ. ތަޖުރިބާކާރުން މަސައްކަތް ކުރާނީ ޗައިނާގައި ފެތުރެމުންދާ ވައިރަސް ދެނެގަތުމަށެވެ.

އަދި ހަމަ އެއާއެކު، ވައިރަސްއާ ދެކޮޅަށް ބޭނުންކުރާނެ ބޭހެއް ނުވަތަ ވެކްސިނެއް އަވަސް މަގަކުން ހޯދުމުގެ މަސައްކަތަށްވެސް ޑަބްލިޔޫއެޗްއޯ ދަނީ ތައްޔާރުވަމުންނެވެ.

ވައިރަސްއާހެދި ޗައިނާ ސަރުކާރުން އެތައް މިލިއަން ރައްޔިތުން ސިޓީތަކުގައި ބަންދުކޮށްފައި ވާއިރު، ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދުވަނީ ބެއިޖިންގެ ހޮސްޕިޓަލަކަށް ޒިޔާރަތް ކުރައްވާފައެވެ.

އަނެއްކޮޅުން، ވައިރަސްގެ މައްސަލާގައި ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރުވަނީ އެގައުމުތަކުގެ ދޮރުތައް ޗައިނާ ރައްޔިތުންނަށް ބަންދުކޮށްފައެވެ.

ދުނިޔޭގެ ބޮޑެތި އެއަރލައިންތަކުން ޗައިނާއަށް ކުރަމުންދިޔަ ދަތުރުތައްވެސް ވަނީ ހުއްޓާލާފައެވެ.