ދެވަނަ ލެގުގައި އަމިއްލަ ގައުމުގައި ކުޅޭއިރު ސަޕޯޓަރުންގެ އެހީ ވަރަށްބޮޑަށް ބޭނުންވާ ކަމަށާއި ސަޕޯޓަރުންގެ ހިތްވަރާއެކު މި މެޗުން ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަމަށް މާޒިޔާގެ ކޯޗު މަރްޖާން ސެކުލޮސްކީ ބުނެފިއެވެ.

އޭއެފްސީ ކަޕުގެ ޕްރީލިމިނަރީ ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކްލަބް އަމިއްލަ ގައުމުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަމުން ސެކުލޮސްކީ ބުނީ އަމިއްލަ ދަނޑުގައި ކުޅޭއިރު އިދިކޮޅު ޓީމާއި ދެކޮޅަށް އޮތް އެންމެބޮޑު ހަތިޔާރަކީ ސަޕޯޓަރުން ކަމަށެވެ.

ބަންގާޅުގެ ޑާކާ އަބަހާނީ ގެ އިތުރުން އެ ގައުމުގެ ޓީމުތަކާއި އެ ގައުމުގެ ގައުމީ ޓީމު މާލޭގައި ކުޅޭއިރު ގިނަ އަދަދެއްގެ ބަންގާޅު ރައްޔިތުން މެޗު ބެލުމަށް ވަދެއެވެ. އެއާއެކު ދިވެހި ސަޕޯޓަރުންގެ އަޑު ކެނޑިގެންދެއެެވެ.

މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ ބަންގާޅުގައި އަބަހާނީ އާއި ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި އެޓީމުގެ ހާހަކަށްވުރެ ގިނަ ސަޕޯޓަރުން މެޗުބަލަން ނުކުތް ކަމަށާއި ބުދަ ދުވަހު މާލޭގައި ކުޅޭ މެޗުގައި މާޒިޔާއަށް ސަޕޯޓްދޭން ގާތްގަނޑަކަށް 400 އެއްހާ މީހުން ނުކުތުން އެއީ އެންމެ ރަނގަޅު އަދަދެއް ނޫންކަމަށެވެ. އެހެންކަމުން ބުދަ ދުވަހުގެ މެޗަށް ނުކުންނައިރު ވީހާވެސް ގިނަ ސަޕޯޓަރުން ނުކުމެ މާޒިޔާއަށް ސަޕޯޓް ކުރުމަށް އޭނާ ވަނީ އެދިފައެވެ.

މީގެއިތުރުން ސެކުލޮސްކީ ކުލަބަށްވުރެ މި މެޗުގައި މުހިއްމީ ގައުމު ކަމަށާއި މި މެޗުގައި މާޒިޔާ ތަމްސީލުކުރަނީ ދިވެހިންކަމަށެވެ. އެހެންކަމުން މިއީ ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ހުރިހާ ސަޕޯޓަރުންވެސް މާޒިޔާއަށް ސަޕޯޓުކޮށްދިނުމަށް ސެކުލޮސްކީ ވަނީ އެދިފައެވެ. މެޗަށް މާޒިޔާއިން ނުކުންނައިރު އަބަހާނީ މެޗުގައި ޖެހި ދެ ލަނޑުގެ ފައިދާ މި މެޗުން ނުނުކުންނާނެ ކަމަށާއި މެޗަށް މާޒިޔާއިން ނުކުންނާނީ މެޗުން މޮޅުވެ ދެން އޮތް ބުރަށް ދިޔުމަށް ކަމަށެވެ.

ބަންގާޅުގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އެހެންކަމުން ރަށުންބޭރުގައި ޖެހި ދެ ގޯލުގެ ފައިދާއާއެކު އަމިއްލަ ދަނޑުުގައި ކުޅޭއިރު މި މެޗު 1-1 ނުވަތަ 0-0 އިން އެއްވަރުކޮށްގެންވެސް މާޒިޔާއަށް ދެން އޮތް ބުރަށް ކޮލިފައިވާނެއެވެ.

ބަންގާޅުގެ ޑާކާ އަބަހާނީއާއި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ ބުދަދުވަހުގެ ހަވީރު 16:00 ގައެވެ.