ރަށުންބޭރުގައި މާޒިޔާއާއި ދެކޮޅަށް ކުޅޭ މެޗަކީ ފަސޭހަ މެޗެއް ނޫން ކަމަށާއި މި ނަތީޖާގައި އޮވެ ދެވަނަ ލެގު ކުޅޭއިރު މާޒިޔާ އަތުން މޮޅުވުން ނޫން ވިސްނުމެއް އެ ޓީމުގައި ނެތްކަމަށް ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ކޯޗު މާރިއޯ ލެމޯސް ބުނެފިއެވެ.

އޭއެފްސީ ކަޕުގެ ޕްރީލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި މިމަހުގެ ފަސްވަނަ ދުވަހު ޑާކާގައި ކުޅުނު މެޗު ނިމުނީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ. މި ދެޓީމުގެ ތެރެއިން އެގްރިގޭޓުން ކުރި ހޯދައި ޕްލޭއޮފް ބުރަށް ދަތުރުކުރާނެ ޓީމެއް ޔަގީންވާނީ މި މެޗުގައި ނެރޭ ނަތީޖާއަކަށް ބިނާކޮށެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަބަހާނީގެ ކޯޗު މާރިއޯ ލެމޯސް ބުނީ މެޗާ ކުރިމަތިލާއިރު އެޑްވާންޓޭޖް އޮތީ މާޒިޔާ ކަމަށާއި ނަމަވެސް މި ނަތީޖާއާއެކު ރަށުންބޭރުގައި މާޒިޔާ ބަލިކުރެވިދާނެކަމުގެ ބޮޑު އުއްމީދެއް އެބައޮތްކަމަށް ކޯޗު ބުންޏެވެ. މި މެޗު 2-2 އަށްވުރެ ބޮޑު ނަތީޖާއަކުން އެއްވަރުވެއްޖެއްޔާ ފުރުސަތު ލިބޭނީ އަބަހާނީ އަށެވެ. އެހެންކަމުން މާޒިޔާ ޖެހޭނީ އެ ޓީމު ކޮޅަށް ވަންނަ ގޯލުތައް މަދުކޮށް 1-1 ނުވަތަ 0-0 ނަތީޖާއިން މެޗު އެއްވަރުކުރާށެވެ. ނުވަތަ މެޗުން މޮޅުވާށެވެ.

ކޯޗު ބުނީ މި މެޗަށް އަބަހާނީ ނުކުންނައިރު އެޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ނުތަނަވަސްކަމަކީ އެ ޓީމަށް ކުޅޭ ބަންގްލަދޭޝް ގައުމީ ޓީމުގެ ޑިފެންޑަރު ޓުޓުލް ހުސައިން ބަދްޝާއަށް މެޗުގައި ނުކުޅެވުމުގެ ބިރު ހީވެފައި އޮތުން ކަމަށެވެ. އަދި މާޒިޔާގެ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ލިބިއްޖެނަމަ އަބަހާނީ ޑާކާ އަށް މުބާރާތުގެ ޕްލޭއޮފް ބުރަށް ދަތުރުކުރެވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ކޯޗު ބުންޏެވެ.

ޑާކާ އަބަހާނީން މާލޭގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ 2017 ވަނަ އަހަރު މާޒިޔާ އަތުންނާއި 2018 ވަނަ އަހަރު ނިއު ރޭޑިއަންޓް އަތުންނެވެ.