ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ އަންގާރަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހުށަހެޅުއްވި ކަރުދާހާމެދު މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކުގައެވެ.

ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ވަކި ދުވަހެއް ފާހަގަ ކުރެވެމުންދާނަމަ ދިވެހި ދަނޑުވެރިކަމުގެ ތަރައްޤީގެ ސިޔާސަތުތަކާއި މަޝްރޫޢުތައް އެހެނިހެން ސިނާޢަތުތަކާއި އެއް މިސްރާބެއްގައި ތަރައްޤީކުރުމަށް ފުރުޞަތު ފަހިވެގެންދާނެކަން މަޝްވަރާގައި ވަޒީރުން ފާހަގަކުރެއްވިއެވެ

ދަނޑުވެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެއްވުމަށް ނިންމެވި މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިޤްތިޞާދުގައި ޙިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ ޢުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެފަރާތްތަކަށް ކުރިމަތިވަމުންދާ ހުރަސްތަކާއި ދަތި ކަންކަން ފާހަގަކޮށް އެ ކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެކަމަށް އެންމެ އެކަށޭނަ އައު ފަންނުތައް ދަނޑުވެރިންނަށް ތަޢާރަފު ކުރުންވެސް މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް 2009 ވަނަ އަހަރު ހަމަޖައްސަވާފައި ވީނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ތަފާތު އެކި ސަބަބުތަކާ ހުރެ މިދުވަސް ފާހަގަކޮށްފައިވަނީ އަހަރުގެ ކޮންމެވެސް އެހެން ދުވަހެއްގައެވެ.

އެހެންކަމުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްކަމުގައިވާ އޮކްޓޯބަރުމަހުގެ 16 ވަނަ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމުގެ އެއް ބޭނުމަކީ ދަނޑުވެރިންނާއި އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.