ރާއްޖޭގެ ސްޕޮންސާޝިޕްގެ ދަށުން ދުބާއީގައި ބާއްވާ ޖޫނިއާ ފުޓުބޯޅަ މުބާރާތް ކަމަށްވާ ވިސިޓް މޯލްޑިވްސް ދުބާއީ އިންޓަނޭޝަނަލް ކަޕުގައި ވާދަކުރުމަށް ރާއްޖޭގެ 12 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު އެ ގައުމަށް ފުރައިފިއެވެ.

މިއީ ރާއްޖޭގައި ޓޫރިޒަމް ފުޅާކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މުބާރާތެކެވެ. ރާއްޖެއިން މި މުބާރާތް ސްޕޮންސާކުރިއިރު މި މުބާރާތުގައި ދުނިޔޭގެ ނަން މަޝްހޫރު ކުލަބުތަކުގެ ޖޫނިއާ ޓީމުތައް ބައިވެރިވެއެވެ.

މި މުބާރާތުގައި ރާއްޖެއަށް ވާދަކުރުމުގެ ފުރުސަތު ލިބުނީ ހާއްސަ ފުރުސަތެއްގެ ދަށުންނެވެ. ރާއްޖެއިން މި މުބާރާތުގައި ބައިވެރިވަނީ މިދިޔަ އަހަރު ރާއްޖެ އައި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޗެލް ސަލްގާޑޯގެ އެހީތެރިކަމާއެކުގައެވެ. މިކަމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ސަލްގާޑޯއާއެކު ފުޅާދާއިރާއެއްގައި މިކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.

ދުބާއި އަށް ފުރުމުގެ ކުރިން ޤައުމީ 12 އަހަރުންދަށުގެ ޓީމު އެމްޕީއެލް ބަސް ޓާމިނަލްގައި-- ފޮޓޯ: އެފްއޭއެމް

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވާ ބައެއް ޓީމުތަކަކީ އާސެނަލް، ބާސެލޯނާ، ރެއާލް މެޑްރިޑް، ބަޔާން މިއުނިކް، އިންޓަ މިލާން، ޕޯޓޯ، ޒަމަލެކް (މިސްރު)، އަލް ފަތޭހް(ސައުދީ) އަލް ވަސްލް (ޔޫއޭއީ) އަލް ނަސްރް (ޔޫއޭއީ)، ޝަބާބް އަލް އަހްލީ (ޔޫއޭއީ)، ސްޕެނިޝް ސޮކާ ސްކޫލް (ޔޫއޭއީ) އެވެ.

އަންނަ ބުރާސްފަތި ދުވަހު ފަށާ މި މުބާރާތް ކުރިޔަށްދަނީ ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. މިއިން ކޮންމެ ގްރޫޕެއްގައި ވެސް ނަން މަޝްހޫރު ބޮޑު ކުލަބެއް ހިމެނެއެވެ. ރާއްޖެ ހިމެނޭ ގްރޫޕަށް ލައްވާލީ އާސެނަލްގެ ޖޫނިއާ ޓީމެވެ. މި ގްރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ ސައުދީގެ އަލް ފަތޭހްގެ އިތުރުން ސަލްގާޑޯ ދުބާއީގައި ހިންގާ ސްޕެނިޝް ސޮކާ ސްކޫލް އެވެ.

ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމާ ހަވާލުވެގެން ހުރީ ތަޖުރިބާކާރު ކޯޗު އިސްމާއިލް އާސިފް (ކުޑަ ހީނާ) އެވެ.