މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއަށް އިންޑިއާއިން 300 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އަންގާރަދުވަހު ގެޒެޓްކުރެވުނު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގަވާއިދާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ، ސަރަހައްދީގޮތުން ފާހަގަކޮށްލެވޭ ފެންވަރަށް ތަރައްގީކުރާ މި ބަނދަރަށް އިންޑިއާއިން 300 މިލިއަން ޑޮލަރުގެ ލޯނެއް ލިބުނުނަމަވެސް ބަނދަރު ހިންގުމުގެ ބާރު ދޭން ނިންމާފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ކަމަށެވެ.

އެހެންނަމަވެސް މެނޭޖްމަންޓް ކޮންސަލްޓަންޓުންގެ ގޮތުގައި ބޭރުމީހުން ހަމަޖެއްސުމަށް ވިސްނާފައި ވާނެކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގުޅިފަޅުގައި ހަދާ ވިޔަފާރި ބަނދަރަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިމަޝްރޫއަށް ލޯނު ދޭން ނިންމާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބެންކާ ހަވާލުކުރަންޖެހޭ ޕްރޮޖެކްޓުގެ ރިޕޯޓް މިމަސް ނިމުމުގެކުރިން ވާލުކުރެވޭނެ ކަމަށްވެސް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި މަސައްކަތްތައް ނިމި، އަހަރުގެ މެދުތެރޭގައި މަސައްކަތުގެ ކޮންޓްރެކްޓަރާ ހަވާލުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ބަނދަރުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވިޔަފާރި ބަނދަރު، ބްރިޖާއެކު ނިމިގެންދާއިރު، މި ބަނދަރު ވެގެންދާނީ ދުނިޔެ ބަލައިގަންނަ ފެންވަރުގެ ޒަމާނީ ބަނދަރަކަށް ކަމަށެވެ. އަދި މ ބަނދަރާއެކު ގުދަންތައްވެސް ގުޅިފަޅަށް ބަދަލުކުރެވި، މުދަލުގެ އަަގު ބޮޑުތަނުން ހެޔޮވުމަށް މަގުފަހިވެގެންދާނެ ކަމަށާއި، އަދި ލުއިފަސޭހަކަމާއެކު ޓްރާންޝިޕް ކުރުމުގެ ފުރުސަތުތައްވެސް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރ ވިދާލުވިއެވެ.

މިސަރުކާރުން ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ރައީސް ޔާމީންގެ ސަރުކާރުގައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމާފައިވެއެވެ.

މި ސަރުކާރުން ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރަން ނިންމީ، މާލެ ސަރަހައްދަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ބެލުމަށްފަހުގައާއި، ބަނދަރު އިތުރަށް ބޮޑުކުރެވޭނެ ގޮތްތަކަށް ބެލުމަށްފަހު ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވެފައިވެއެވެ.