ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރސްކޫލް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލައިފިއެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 އިން އެޕްރިލް މަހުގެ 2 ގެ ނިޔަލަށެވެ. ސޯޝަލް ސެންޓަރ އިންޑޯ ހޯލުގައި ބާއްވާ މި މުބާރާތް ކުރިޔަށްދާނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ.

އެ އުމުރުފުރާތަކަކީ 13 އަހަރުންދަށް، 15 އަހަރުންދަށް، 17 އަހަރުން ދަށް އަދި 19 އަހަރުންދަށެވެ. އެގޮތުން 13 އަހަރުންދަށުގެ އުމުރުފުރާގައި ބައިވެރިވެވޭނީ މިއަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް 13 އަހަރު ނުފުރޭ ކުދިންނަށެވެ. 15 އަހަރުންދަށުގެ އުމުރުފުރާގައި ބައިވެރިވެވެނީ މިއަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް 15 އަހަރު ނުފުރޭ ކުދިންނަށެވެ.

މުބާރާތުގެ 17 އަހަރުންދަށުގެ އުމުރުފުރާގައި ބައިވެރިވެވޭނީ މިއަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް 17 އަހަރު ނުފުރޭ ކުދިންނަށެވެ. އަދި 19 އަހަރުންދަށުގެ އުމުރުފުރާގައި ބައިވެރި ވެވެނީ މިއަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް 19 އަހަރު ނުފުރޭ ކުދިންނަށެވެ.

މިދިޔަ އަހަރު ބޭއްވި އިންޓަރސްކޫލް ވޮލީ މުބާރާތަކީ ތާރީހުގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި ފަހަރުކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. އެގޮތުން މިދިޔަ އަހަރު ޖުމްލަ 420 ކުދިން ބައިވެރިވިއެވެ.