ޗައިނާގެ އިތުރުން، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްގެ ނަމުން ނަންދެވިފައިވާ ނުރައްކާތެރި ވައިރަސްއަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން ރަސްމީ ނަމެއް ކަނޑައަޅައި، އެ ނަން އިޢްލާން ކޮށްފިއެވެ.

އެގޮތުން، ވައިރަސްގެ ރަސްމީ ނަކަމަށް ޑަބްލިޔޫއެޗްއޯއިން ކަނޑައެޅީ "ކޮވިޑް-19" އެވެ.

ޖެނީވާގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މި ނަން އިޢްލާން ކޮށްދެއްވީ، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް އެވެ.

މިހާރު ފެތުރެމުންދާ ވައިރަސްއަކީ އެއްގޮތް އަލާމާތްތަކެއް ފެންނަ ބަލިޖައްސާ ކޮރޯނާވައިރަސް ގްރޫޕަށް އިތުރުވެގެންދާނެ ވައިރަސްއެކެވެ.

މި ވައިރަސްއަށް "ކޮވިޑް-19" މި ނަން ދެވުނު ސަބަބުންވެސް ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ހާމަކޮށްދެއްވިއެވެ.

"ކޮ" އެއީ ކޮރޯނާ ކަމަށާއި، "ވި" އަކީ ވައިރަސް ކަމަށާއި، "ޑި" އެއީ ޑިޒީޒްކަމަށް ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ. 19 އަކީ ވައިރަސް ފެނުނު އަހަރެވެ.

https://www.youtube.com/watch?v=ndAeCFMO1oI

ޓެޑްރޯސް ވިދާޅުވީ، ވައިރަސްއަށް ނަމެއް ކަނޑައެޅުމުގައި ބެއްލެވީ، ވައިރަސް ފެނުނު ތަނަށާއި، ވަކި ނަސްލަކަށް، ވަކި ޖަނަވާރަކަށް، ވަކި ފަރުދަކަށް ނިސްބަތްނުވާ ނަމެއް ކިއުމަށް ކަމަށެވެ. އަދި މިހާރު ކަނޑައެޅި ނަމަކީ ފަސޭހައިން ކިޔާލެވޭ ނަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ، ވައިރަސްއަށް ކިޔާނެ ނަމެއް ކަނޑައެޅުއްވީ، އެ ވައިރަސްއަށް ތަފާތު އަދި ނުބައި ނަންތައް ކިއުމާއި، އޮޅުންބޮޅުންއަރާފާނެ ނަންތައް ކިއުން ހުއްޓުވުމުގެ ގޮތުން ކަމަށެވެ.