އިންޑިއާގެ ވެރިކަންކުރާ ރަށް، ނިއުދިއްލީގެ ސްޓޭޓް އިންތިޚާބުގެ ބަލި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގަބޫލުކުރައްވައިފިއެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، މޯދީގެ ބީޖޭޕީ ޕާޓީ މިފަހަރުގެ އިންތިޚާބަށް ނުކުތީ، ނިއުދިއްލީގައި ވެރިކަންކުރާ އާމް އާދްމީ ޕާޓީއަށް ވެރިކަމުގެ ތިންވަނަ ދައުރެއް ނުދީ، އެ ޕާޓީ ވަރުގަދަ ބަލިކުރުމަކުން ބަލިކުރުމަށެވެ. އެކަމަށް ބީޖޭޕީން ވަރަށް ވަރުގަދަ ކެމްޕެއިނެއްވެސް ކުރިއެވެ.

އެހެން ނަމަވެސް، ވޯޓްލައި ނިމުމާއެކު، މިފަހަރުވެސް އިންތިޚާބު ކާމިޔާބު ކުރާނީ އާމް އާދްމީ ޕާޓީކަމަށް އޮތީ ލަފާކުރެވިފައެވެ.

އަދި ވޯޓް ގުނަމުންދަނިކޮށް، ނިއުދިއްލީ ސްޓޭޓްގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 36 ގޮނޑިއަށްވުރެ ގިނަ ގޮނޑި އާމް އާދްމީ ޕާޓީއަށް ލިބޭނޭކަން ކަށަވަރުވުމާއެކު، އެ ޕާޓީގެ ސަޕޯޓަރުންވަނީ އަންގާރަ ދުވަހު މަގުތަކަށް ނުކުމެ ހަވާ އަރުވައި އުފާފާޅުކޮށް ޕާޓީތައް ބާއްވަން ފަށާފައެވެ.

ނިއުދިއްލީ ސްޓޭޓް އެސެމްބްލީގައި ހިމެނެނީ 70 ގޮނޑިއެވެ.

ވޯޓުގެ %75 ގުނުމަށްފަހު އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ހާމަކުރި ނަތީޖާއިން އާމް އާދްމީ ޕާޓީއަށް 63 ގޮނޑީގައި ވޯޓުން ކުރީގައި އުޅޭއިރު، ބޮޑުވަޒީރު މޯދީގެ ބީޖޭޕީ ކުރީގައި އުޅެނީ އެންމެ 7 ގޮނޑީގެއެވެ.

ބީޖޭޕީއަށް އަޣުލަބިއްޔަތު ލިބޭނޭ ކަމަށް ނިއުދިއްލީ ބީޖޭޕީ ޗީފް މަނޯޖް ތިވާރީ ލަފާކުރެއްވި އިރު، ބީޕޭޖީން ބުނަމުންދިޔައީ މަދުވެގެން 13 ގޮނޑި ލިބޭނޭ ކަމަށެވެ. އެހެންނަމަވެސް، މިހާތަނަށް ހާމަކުރަމުންދާ ނަތީޖާއިން އެ އަދަދަށްވެސް ގޮނޑި ނުލިބޭނޭކަން ވަނީ ކަށަވަރުވެފައެވެ.

ނިއުދިއްލީގެ އިންތިޚާބަކީ، މޯދީގެ ސަރުކާރުން ފާސްކުރި ރަށްވެހިކަމުގެ ގާނޫނުގެފަހުން ބޭއްވި ފުރަތަމަ އިންތިޚާބެވެ. އެހެންކަމުން، މިއީ ބީޖޭޕީ އިމްތިހާނު ކުރެވޭނެ އިންތިޚާބުކަމަށް އެންމެންވެސް ތިބީ ބަލައިގެންނެވެ.

ރަށްވެހިކަމުގެ ގާނޫނު އިންޑިއާގެ ގިނަމީހުން ގަބޫލުކުރަނީ މުސްލިމުންނާ ދެކޮޅު ގާނޫނެއް ކަމަށެވެ. އެކަމާހެދި އެ ގާނޫނާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އަދިވެސް ނުހުއްޓި ކުރިއަށް އެބަދެއެވެ. މިކަމުގެ ތެރޭގައި މިހާތަނަށް 25 މީހުން މަރުވެފައި ވެއެވެ.

މި ދަނޑިވަޅާ ދިމާކޮށް ބޭއްވި ނިއުދިއްލީ ސްޓޭޓް އެސެމްބްލީ އިންތިޚާބުން ވެރިކަންކުރާ ޕާޓީ، ބޮޑު ބައްޔަކުން ބަލިވެއްޖެކަން ކަށަވަރު ވުމާއެކު، ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ ޓްވީޓެއް ކުރައްވައި، އާމް އާދްމީ ޕާޓީގެ ލީޑަރ އަދި ނިއުދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދު ކެޖްރިވާލްއަށް މަރްހަބާ ވިދާޅުވެފައެވެ.