އިންޑިޔާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލް ކަލާމްގެ ދިރިއުޅުމުގެ މައްޗަށް ތައްޔާރުކޮށް ފިލްމެއް ހަދަން ނިންމައިފިއެވެ.

އިނގިރޭސި ބަހުންނާ ހިންދީ ބަހުން ހަދާ، ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޕޯސްޓަރު މިދިޔަ އާދިއްތަ ދުވަހު ވަނީ ދައްކާލާފައެވެ. ނިއުދިއްލީގައި މިކަމަށް ބޭއްވި ޚާއްސަ ހަފްލާއެއްގައި ޕޯސްޓަރު ލޯންޗުކޮށްދެއްވީ އިންޑިޔާގެ އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގް މިނިސްޓަރު ޕްރަކާޝް ޖަވޭދުރަކްއެވެ.

ފިލްމު ހެދުމުގައިވެސް ހަރަކާތްތެރިވާ ޕްރަކާޝް ވިދާޅުވީ "ކަލާމް" ގެ ނަން ދީފައިވާ މި ފިލްމަކީ ތެލެގޫ ފިލްމު އިންޑަސްޓްރީއާ ހޮލީވުޑްގެ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާ ފިލްމެއްކަމަށެވެ.

މިއަހަރުގެ ފަހުކޮޅު ސިނަމާތަކުގައި އެޅުވުމަށް ތައްޔާރުވަމުންދާ މި ފިލްމުގައި ކަލާމްގެ ރޯލު އަދާކުރާނީ ބޮލީވުޑް ފިލްމުތަކުގައި މަޝްހޫރު މޫނެއްކަމަށްވާ ޕަރޭޝް ރާވަލްއެވެ.

ފިލްމާ ގުޅިގެން ޕަރޭޝް ބުނީ ކަލާމްގެ ރޯލު ސިނަމާގައި އަދާކުރަން ލިބުމަކީ ފަޚުރުވެރިވާ ކަމެއްކަމަށާއި ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް އެކަމުގެ ޝުކުރު އަދާކުރާކަމަށެވެ.

ފިލްމު ޕްރޮޑިއުސްކުރާނީ އަބީޝެކް އަގަރްވާލްގެ އިތުރުން އަނިލް ސުންކަރާއެވެ. ޑައިރެކްޓުކުރާނީ މަޝްހޫރު ޑައިރެކްޓަރު މަދޫރު ބަންޑާރްކަރެވެ.

ޑރ. އޭޕީޖޭ އަބްދުލް ކަލާމަކީ އިންޑިޔާގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ އިތުރުން މަޝްހޫރު ސައިންޓިސްޓެއްވެސްމެއެވެ. އޭނާ ރައީސްގެ މަޤާމު އަދާކުރެއްވީ 2002 ވަނަ އަހަރުން 2007 ވަނަ އަހަރަށެވެ. އޭނާ އަވަހާރަވީ 2015 ވަނަ އަހަރުއެވެ.