ބްރޯޑްކާސްޓިންގް ކޮމިޝަނަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވެވި ލިސްޓުގެ ކުރީގައި ޝިފުލާ އާއި އަމީނާ (އަނާ) ގެ ނަން ހިމަނައިފި އެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް އައްޔަންކުރުމަށް ރައީސް ފޮނުވި ލިސްޓުގެ އެންމެ ކުރީގައި އޮތީ މިހާރު ސަންގު ޓީވީގެ ޕްރެޒެންޓަރ އަދި ކުރީގެ މަޝްހޫރު ޕްރެޒެންޓަރ ޝިފްލާ އިބްރާހިމް އެވެ. އަދި ދެވަނައަށް އެންމެ ކުރީގައި އޮތީ ވީޓީވީގެ ސީނިއަރ އެޑިޓަރ އާމިނަތު އަމީނާ (އަނާ)ގެ ނަމެވެ.

އަނާ އާއި ޝިފްލާ ވެސް ވަނީ ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ހާސިލްކޮށްފަ އެވެ. އަނާ ވަނީ މޯލްޑިވުސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރު ހާސިލްކޮށްފަ އެވެ.

މީގެކުރިންވެސް ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ދެފަހަރެއްގައި ރައީސް ފޮނުއްވެވި ލިސްޓުގެ ކުރީގައި އޮތީ ޝިފުލާގެ ނަމެވެ. ނަމަވެސް އެފަހަރު މަޖިލީހުން ވަނީ ޝިފުލާއަށް ރުހުން ދޭން ނުފެންނަކަމަށް ފާސްކޮށް، ރާއްޖެޓީވީ އާއި ހަވީރު ނޫހުގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފްގެ ނަން ފާސްކޮށްފަ އެވެ.

މީގެ އިތުރަށް ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަންކުރުމަށް މަޖިލީހަށް ފޮނުވި އެހެން ލިސްޓެއްގައި އަނާގެ ނަން އޮތީ ދެވަނަ އަށެވެ.

އެފަހަރު ފޮނުވި ލިސްޓުން މަޖިލީހުގެ ކޮމިޓީން ފާސްކޮށް ތަޅުމުން ރުހުން ދީފައި ވަނީ ލިސްޓުގެ ކުރީގައި އޮތް، މިހާރު ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވާހީދާ އަށެވެ.

ރައީސް ސޯލިހު މިއަދު މަޖިލީހަށް ފޮނުއްވާފައިވާ ނަންތަކުގެ ލިސްޓުގައި 15 ނަމެއް ވަނީ ހިމެނިފައެވެ.

އެނަންތަކަކީ:

  • ޝިފްލާ އިބްރާހިމް
  • އައިމިނަތު އަމީނާ
  • އައިމިނަތު ނުޒުހާ
  • ސައުދާ ސަލީމް
  • މުހައްމަދު ފަޒީން
  • ޒުބައިރު އަހުމަދު
  • މޫސާ ރިލްވާން
  • އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު
  • ހުސައިން ފާއިޒް
  • އިމްރާނާ ބިންތް އަބްދުﷲ
  • އިސްމާއިލް ސާޖިދް
  • އަހުމަދު ހަލީލް
  • މުހައްމަދު ރަޝީދު އަހުމަދު
  • އަހުމަދު ފައިރޫޒު
  • އައިޝަތު އަރީފާ