ވެށިފަހި ޕްރޮގްރާމްގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމުގެ ލިޔުން ލިބި މިހާތަނަށް ގޯތި ލިބިފައިނުވާ ފަރާތްތަކަށް، ހުޅުމާލެއިން މިއަހަރު ގޯތި ދޫކުރެވޭނެ ކަމަށް ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާމެދު އެ ކުންފުނީގެ ބޯޑުން ވަކިގޮތެއް ނިންމާފައިނުވާކަމަށެވެ.

މި ނޫސްބަޔާނުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައިވެސް ފާހަގަކުރެއްވި ފަދައިން ވެށިފަހި ޕްރަގްރާމްގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ މީހުންނަށް ހުޅުމާލެއިން މިއަހަރު ގޯތި ދޫކުރެވޭނެކަމަށެވެ.

މިގޮތުން ހައްޤުވެރި ފަރާތްތަކަށް ގޯތިތައް ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާކަމަށްވެސް އެޗްޑީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހުޅުމާލެއަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މާސްޓަރ ޕްލޭނެއްގެ ދަށުން ތަރައްޤީކުރަމުންދާ ރަށަކަށް ވާއިރު މި މާސްޓަރ ޕްލޭން ފަރުމާކުރެވިފައިވަނީ އެކި ބޭނުންތަކަށް ޚާއްސަކުރެވިގެންކަމަށާއި މިގޮތުން ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރީއަލް، އަދި ކޮމިޔުނިޓީ ބޭނުންތަކަށް މި މާސްޓަރ ޕްލޭންގައި ޖާގަ ދެވިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އަދި އެންމެ ބޮޑު ހިއްސާއެއް ހާއްސަކުރެވިފައިވަނީ އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކާ ސަރުކާރާއިއެކު އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ ފޯރުކޮށްދިނުމަށްޓަކައި ތަޢާރަފްކުރެވޭ މަޝްރޫޢުތަކަށްކަމަށްވެސް މި ބަޔާނުގައިވަނީ ބަޔާންކޮށްފައެވެ.

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ހަދަންފެށި 7000 ފްލެޓްގެ މަސައްކަތް ނިންމާ، މިއަހަރުގެ ތެރޭގައި ހައްގުވެރިންނަށް ހަވާލުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާއިރު ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތުތަކަށް ބަލާއިރު އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ 20،000 އަށްވުރެ ގިނަ އާއިލާ ހަމައެކަނި މާލެ ސަރަހައްދުގައި އެބަތިބިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.