ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓް އަޅަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އާއެކުވި ދެ އެއްބަސްވުން ސަރުކާރުން އުވާލުމުން ދައުލަތުން ދޭންޖެހުނު ބަދަލު އެ ކުންފުންޏަށް ނުދިން ނަމަ ދައުލަތައް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނޫމަޑީގެ މައްސަލައިގައި ދައުލަތުން އެކުންފުންޏަށް ފައިސާ ދައްކާފައިވޭތޯ އާއި އޭގެ ތަފްސީލް ހޯދުމަށް ސުވާލުކުރެއްވުމުންނެވެ. ޖާބިރު ސުވާލު ކުރެއްވީ ނޫމަޑި މައްސަލަ ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން ގޮތަކަށް ނުނިމެނީސް، ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ޑޮލަރު، ބަދަލުގެ ގޮތުގައި ދިނީ ކޮން ގާނޫނީ ހައިސިއްޔަތަކުން ތޯ އަދި ނޫމަޑިއަށް ކިހާ ފައިސާއެއް ދެވިއްޖެތޯ އެވެ. މީގެ އިތުރުން އާބިޓްރޭޝަނުން ބަދަލުދޭންޖެހޭ ގޮތައް ނިންމާނެކަން މިނިސްޓަރަށް އެނގިވަޑައިގެންނެވީ ކިހިނެތްތޯ ވެސް ޖާބިރު ވަނީ ސުވާލު ކުރައްވާފައެވެ.

މި ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ މައްސަލަ ނުނިމެނީސް ނޫމަޑިއަށް ފައިސާ ދިނުމުގެ މައްސަލަ ކުރިއަށް ގެންދެވީ ރައީސުލްޖުމްހުރިއްޔާ އެކުލަވާލި ސެޓްލްމަންޓު ކޮމެޓީއަކުން ކަމަށާ އެކޮމިޓީން މުޅި މައްސަލަ ދިރާސާކޮށް އައުޓް އޮފް ކޯޓު ސެޓްލްމަންޓެއް ހެދީ އެ މައްސަލަ ދިވެހި ދައުލަތަށް ކާމިޔާބުވުމުގެ ފުރުސަތު ކުޑަކަމުން ކަމަށެވެ.

ނޫމަޑިއާއެކު ސެޓުލްމަންޓަކަށް ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އުފައްދަވާފައިވާ ސެޓުލްމަންޓު ކޮމެޓީގެ ލަފަޔާ. ރައީސުލްޖުމްހޫރިއްޔާގެ ހުއްދައްއާއެކު. އެ ކޮމެޓީގެ މެންބަރެއްގެ ހައިސިއްޔަތުން އަދި ކުރެވުނު މަޝްވަރާތަކުގައި އަޅުގަނޑު ވަނީ ބައިވެރިވެފަ. އާބިޓްރޭޝަނުގައި ދިވެހި ސަރުކާރުގެ ދިފާއުތައް ބަލިކަށިކަން ފާހަގަކުރެވޭ"
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

މި މައްސަލަ ދިވެހި ދައުލަތަށް ކާމިޔާބުނުވެއްޖެނަމަ ނޫމަޑިން އާބިޓްރޭޝަންގައި ކްލެއިމްކޮށްފައިވާ ޖުމްލަ އަދަދު ކަމުގައިވާ 154 މިލިއަން ޑޮލަރާއި އާބިޓްރޭޝަންގެ އިތުރު ޚަރަަދުވެސް ދައްކަން ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އެހެންކަމުން ދައުލަތަށް ލިބިދާނެ ކަމަށް ލަފާކުރެވޭ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށްޓަކާ ކުޑަ އަދަދެއް ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވީ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަދި ސިންގަޕޫރުގެ ލޯ ފާމެއްގެ ލަފާ ވެސް ދެ ފަހަރެއްގެ މަތިން ހޯދާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާބިޓްރޭޝާނުން ނިންމާނީ ކަނޑައެޅިގެން ކޮން ގޮތަކަށް ކަމެއްބުނާކަށް އެއްވެސް ފަރާތަކަށް ނޭނގޭނެ. ނަމަވެސް މިހާތަނަށް އާބިޓްރޭޝަނުން ކުރިޔަށް ގޮސްފައިވާ ގޮތާއި އެކްސްޕާޓުންގެ ރިޕޯޓުތަކާއި ގާނޫނީ ވަކީލުންގެ ލަފަޔާއެކު މައްސަލަތައް ދިވެހި ދައުލަތާ ދެކޮޅަށް ނިންމުމުގެ ފުރުސަތު އޮތީ ކިހާ މިންވަރަކަށްތޯ ބެލޭނެ. އަދި ގިނަ ދިރާސާތަކާއި މަޝްވަރާއަށް ފަހު ސެޓަލްމަންޓް ކޮމިޓީގެ މެންބަރުންނަށް ބުރަވެވުނީ އާބިޓްރޭޝަން ކުރިޔަށް ގޮސް ނިމިއްޖެ ނަމަ ނޫމަޑިއަށް ބޮޑު ބަދަލެއް ދޭން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުކަން"
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ނޫމަޑިން އާބިޓްރޭޝަނަށް، އެންމެ ފުރަތަމަ ހުށަހެޅީ ސަރުކާރުން ދައްކަން ޖެހޭ 150 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ފައިސާތަކެއް ހޯދުމަށެވެ. ނަމަވެސް އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރީ ސަރުކާރުން 55 މިލިއަން ޑޮލަރު ދެ ޕޭމަންޓުގެ ގޮތުގައި ބަހައިގެން ދައްކާގޮތަށެވެ.

ޕްރައިވެޓް ވިލާ މޮޑަލްގެ ދަށުން 700 ހައުސިން ޔުނިޓު ތަރައްގީ ކުރުމަށްޓަކައި ނޫމަޑިއާއެކު ކުރީގެ މިނިސްޓްރީ އޮފް ހައުސިން ޓްރާންސްޕޯޓް އެންޑް އެންވާރަމަންޓާއެކު 20 ޖެނުއަރީ 2011 ގައި ސޮއި ކުރެވިފައިވާ ފޭސް 1 އެއްބަސްވުމާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކެޑަމީ ފޭސް 1 އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީ ކުރުމަށްޓަކައި ނޫމަޑިއާއި އޭރުގެ ހައުސިންއާ ދެމެދު 30 މެއި 2013 ގައި ސޮއި ކުރެވިފައިވާ އެއްބަސްވުމާ ގުޅިގެން ނޫމަޑިން އާބިޓްރޭޝަނަށް 11 ޑިސެމްބަރުގައި ހުށަހެޅުނީ ދެ މައްސަލަ އެކެވެ.

ނޫމަޑިން ބުނެފައިވަނީ އެއްބަސްވުމާ ޚިލާފު ވެފައިވީ ސަރުކާރުން ކަމަށާ އެގޮތުން ނޫމަޑިއަށް ރިސޯޓެއް ގާއިމްކުރުމަށް ދިން ރަށެއް އެއްބަސްވުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2015 ވަނަ އަހަރު ގަވައިދާ ޚިލާފަށް ސަރުކާރުން ނަގާފައިވާ ކަމަށެވެ. ނޫމަޑިން ބުނީ އެއީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ނޫމަޑިން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލާގައި ނޫމަޑިއަށް ދައްކަން ޖެހޭ 55 މިލިއަން ޑޮލަރުގެ ފުރަތަމަ ޕޭމަންޓް ކަމަށްވާ 27.5 މިލިއަން ޑޮލަރު ސަރުކާރުން ވަނީ 5 ސެޕްޓެމްބަރު 2019 ގައި ދައްކައިފަ އެވެ. އަދި ބާކީ 27.5 މިލިއަން ޑޮލަރު 29 ފެބަރުއަރީ 2020 ގެ ކުރިން ދައްކަން ޖެހޭއިރު އެ އަދަދު މިހާރު ސަރުކާރު ފަރާތުން ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.