ނ ހޮޅުދޫއަށް އުދައަރާ 12 ގެއަކަށް އެކިވަރުގެ ގެއްލުންވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާކަމުގެ ޝަކުވާ މިދުވަސްވަރު ވަނީ އިތުރުވެފައިއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެކްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އުދައިގެ އަސަރުކޮށްގެން މިހާތަނަށް ރިޕޯޓްކޮށްފައިވަނީ ނ. ހޮޅުދޫ އިން އެކަނި ކަމަށާއި އެ ރަށުގެ 12 ގެއަކަށް ލޮނުވަދެ، އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށެވެ.

އަދި އެ ރަށުގެ ހާލަތު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ރާއްޖޭގެ އެހެން ރަށްތަކަށް ވެސް އުދައިގެ އަސަރު ކޮށްފައިވޭތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިހާތަނަށް އުދައިގެ އަސަރުކޮށްގެން، ނ ހޮޅުދޫގެ އިތުރުން، ށ. ނަރުދޫ، މ. ދިއްގަރު އަދި ހއ، ހޯރަފުށިން ރިޕޯޓް ލިބިފައިވާއިރު، ރާއްޖޭގެ ކަނޑުތައް މިދުވަސްވަރުގަދަކަން މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އަދި މި ދުވަސްވަރު އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާކަމެއް ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

ކަނޑުތައް ބޮޑަށް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވަނީ ރާއްޖޭގެ އުތުރާއި މެދުތެރޭގެ ރަށްތަކަށެވެ.