މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި އެ ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އޮތް ހަނި ފުރުސަތު ކުޑަވަމުންދާތީ، އެކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް، ރާއްޖެއިން "ކްލައިމެޓް އިމަރޖެންސީ އިޢުލާނު ކުރުމުގެ ޤަރާރު" ފާސްކޮށްފި އެވެ.

މިގޮތަށް މަޖިލީހުން ނިންމީ، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި އަދި މި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އޮތް ހަނި ފުރުޞަތު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އަދި އެ ކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެދި ހުށަހަޅި ޤަރާރު ފާސްކުރުމަށްފަހު އެވެ.

މި ޤަރާރު ފާސްވެގެންދިއުމާއި އެކު މަޖިލީހުން ވަނީ، އެ ޤަރާރުގެ ނަން "ދިވެހިރާއްޖޭން ކްލައިމެޓް އިމަޖެންސީ އިއުލާން ކުރުމުގެ ޤަރާރު" ގެ ނަމަށް ބަދަލުކޮށްފަ އެވެ.

މަޖިލީހުގެ އެންވައިރުމަންޓް ކޮމެޓީގެ މުގައްރިރުކަންވެސް ކުރައްވަމުން ގެންދަވާ ސަލީމް ހުށަހެޅުއްވި ގަރާރުގައި ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ގޯހުން ގޯހަށް ދާކަން ސައިންސްވެރިްނ ތަކުރާރުކޮށް އިންޒާރުދެމުންދާ ކަމަށެވެ.

ނަމަވެސް އޭގެ ސަބަބުން މުޅި ދުނިޔެއަށް އިގުތިސޯދީގޮތުން އަދި އިޖުތިމާއީ ގޮތުންނާއި ތިމާވެށީގެ ގޮތުން ނުރައްކާތައް ކުރިމަތިވެ ހާއްސަަކޮށް ރާއްޖެފަދަ ބިންތިރި ކުދި ގައުމުތަކުގެ ދެމިއޮތުމަށް ނުހަނު ނުރައްކާ ބޮޑުކަމަށް ފާހަގަކޮށްފައިވެ އެވެ. ކަން އެގޮތަށް އޮތްއިރުވެސް ދުނިޔޭގެ މޫސުމަށް ބަދަލުއައުމަށް މެދުވެރިވާ ގޭސްތައް އެންމެގިނައިން ބޭރުކުރާ ގައުމުތަކުން އެކަން މަދުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ، މި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އަދި ހާއްސަކޮށް ރާއްޖެފަދަ ޖަޒީރާ ގައުމުތައް ސަލާމަތްކުރުމަށް އޮތް ހަނި ފުރުސަތު ހަނިވަމުންދާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން މި ޤަރާރުގައި ވަނީ، ފޮސިލް ފިއުލް އުފެއްދުމަށް ގައުމުތަކުން ކުރަމުންދާ ކުރަމުންދާ ހޭދަ އާއި ދެމުންދާ ސަބްސިޑީތައް ހުއްޓާލައި، އިއާދަކުރަނިވި ހަކަތަ އުފައްދުމެއް އެ ފައިސާ ހޭދަކުރުމަށް މަގުފަހިކުރުމަށް، ގައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމާއަތްތަކަށާއި، މާލީ އިދާރާތަކުގެ ސިޔާސާތުތައް ބަދަލުކުރުމަށް ގޮވާލައި ރާއްޖެއިން ވަކާލާތު ކުރުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރަށްވެސް މުހިންމު ކަންތައްތަކެއް ކުރުމަށާއި، އެކަންކަން ކުރުމަށް ބާރުއެޅުމަށް ދުނިޔޭގެ ޤައުމުތަކަށް ގޮވާލުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

މީގެ އިތުރަށް މަޖިލީހުން ވަނީ، އެކަންކަން ތަންފީޒު ކުރުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި، ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކަށް ގޮވާލުމަށް ވެސް އިގުރާރުވެފައެވެ.

ކްލައިމެޓް އިމަރޖެންސީ އިޢުލާނު ކުރުމުގެ ޤަރާރު މަޖިލީހުން ފާސްކުރި އިރު، ރާއްޖެއަށް މޫސުމީ ނުރައްކަލުގެ ހާލަތު ވަރަށްބޮޑަށް ގޯސްވެފައެވެ.

އެގޮތުން ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ގިރައި، އާދަޔާ ހިލާފަށް އުދައިގެ އަސަރުވެސް ދަނީ ކުރަމުންނެވެ.

މިކަންކަމަށް ހައްލު ހޯދުމަށް މަޖިލީހުގެ މަޖިލީހުގެ އެންވައިރުމަންޓް ކޮމެޓީން ދަނީ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.