ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ދައުވާ ކުރި އަދުހަމް މުހަައްމަދު ކޯޓު މަރުހަލާގައި ކުށަށް އިއުތިރާފުވި އިރުވެސް އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި އެބަހުރި ކަމަށް ޕްރޮސެކެއިޓާ ގެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ގާސިމް ހަސަންގެ މަރުގެ މައްސަލައިގައި، ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގަ ވާގޮތުގެ މަތިން ދައުވާ ރައްދުވާ އަދުހަމް އާއިއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާނެ ކަމަށެވެ.

މި ގާނޫނުގައިވާ ގޮތުން ތަހުގީގީ މަރުހަލާގައި ކުށަަށް އެއްބަސްވެފައިވާތީ، އޭނައާއެކު އެއްބަސްވުން ހެދީ ކަމަށް ޕީޖީ ވިދާޅުވި އެވެ. އަދި މިއެއްބަސްވުމުގެ ދަށުން ކޯޓުގައިކަން ހިނގައި ދިޔަ ގޮތް އަދުހަމް ތަފްސީލުކޮށް ކިޔައިދޭން ޖެހޭނެ ކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށް ކަމަށެވެ. އަދި އެ ސާބިތުވާ މީހާގެ މައްޗަށް އޮންނަ އަދަބަކީ 25 އަހަރުގެ ޖަލު ހުކުމެއް ކަމަށެވެ. އަދި އާއިލާ އިން މަރަށް މަރު ހިފަން ބޭނުން ހާލަތެއްގައި އެގޮތް ކަމަށެވެ.

އެހެންނަމަވެސް އަދުހަމް ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް އަންނަ ހުކުމް ލުއި ވެގެންދާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ. އެގޮތުން 25 އަހަރުގެ ބަދަލުގައި އޭނާގެ މައްޗަށް އަންނާނީ 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ކަމަށެވެ.

އެހެންނަމަވެސް އާއިލާ އިން މަރަށް މަރު ބޭނުންވެއްޖެ ހާލަތެއްގައި ކުރެވޭނެ ކަމެއް ނީންނާނެ ކަމަށާއި އެއްބަސްވުން އޮންނާނީ އެގޮތަށް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ކޯޓުގައި ކަންހިނގައި ދިޔަގޮތަށް އަދުހަމް އެއްބަސްވުމަކީ ވަގުތު އޭނާއަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެއީ އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އޭނާ ކުށަށް އިއުތިރާފު ނުވި ނަމަވެސް ކުށް ސާބިތުވާ ވަރަށް އެކަށީގެންވާ ހެކި ހޯދުމަށް ފަހު ކަމަށާއި، މި މައްސަލަ ފުލުހުން ވެސް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ގާސިމް މައްސަލާގައި އަޅުގަނޑުމެން ވާނީ އިއުތިރާދުން ރުޖޫއަ ވިޔަސް ސާބިތުކުރެވޭ ވަރަށް ހެއްކާ އެއްކޮށް މައްސަލަ ހުށަހަޅާފަ، ދައުވާ ލިބޭ ފަރާތަށްވެސް އެނގޭނެ އެކަން، އޭނަ އިއުތިރާފުން ރުޖޫއަ ވެއްޖެއާ މާ ގޯސް އަދި އޭރުން އެއްބަސްވި އަދަބަކަށް ނުދާނަން އޭރުން ދާނީ ހަމަ 25 އަހަރުގެ ޖަލު ހުކުމަކަށް ހަމަ
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
ގާސިމް ހަސަންގެ ގާތިލް އަދުހަމް ކޯޓަށް ހާޒިރުކުރަނީ

ގާސިމް މަރާލި މައްސަލާގައި އަދުހަމްގެ މައްޗަށް ކޮށްފައިވާ ދައުވާ އަށް އޭނާ އިންކާރު ކުރާ ހާލަތެއްގައިވެސް، މައްސަލަ ސާބިތުވާ ވަރަށް އެބަހުރި ކަމަށް ޕީޖީ ވިދާޅުވި އެވެ. މި މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދުހަމް ވަނީ އެއްބަސްވުމާއި އެއްގޮތަށް ކުށަށް އިއުތިރާފުވެފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވުމުން އަދުހަމް ބުނީ ދައުވާ ވަރަށް ސާފު ކަމަށާއި ދައުވާއަށް އިއުތިރާފު ވެސް ވާކަމަށެވެ. އެކަމަކީ އޭނާ އަށް ކުރެވުނު ކަމެއް ކަމަށާއި މިހާރު އެކަމާ ހިތާމަ ކުރާ ކަމަށެވެ. ގާސިމަށް ހަމަލާ ދެވުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި ނަމަވެސް ފަހުން ކުރެވުނީ ކިހައި ބޮޑުކަމެއް ކަން ވިސްނުނު ކަމަށެވެ.

އެވަގުތުން ފެށިގެން ކުރެވުނު ކުށަށް ތައުބާވެފައިވާ ކަމަށް އަދުހަމް ބުންޏެވެ. އަދި މިހާރު ބޭނުންވަނީ ގާސިމްގެ އާއިލާގެ މާފު ކަމަށާއި އެއްވެސް ލުޔެއް ދެވެން އޮތްނަމަ، އެ ލުޔެއް ލިބުން ކަމަށްވެސް އަދުހަމް ކޯޓުގައި ބުނެފައިވެ އެވެ.

އިއްޒަތްތެރި ޤާޟީ. އެކަމަކީ އަޅުގަނޑު ކުރި ކަމެއް. އަޅުގަނޑަށް އެކަން ކުރެވުނީ މަސްތުގެ ހާލަތުގައި ހުރެ. މަސްތުގެ ހާލަތު ފިލާ ދިއުމުން އަޅުގަނޑަށް އެނގުނު މި ކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން. އަޅުގަނޑު އޭގެ ފަހުން، ތަޢުބާގެ ނަމާދުކޮށް، ދުޢާކުރިން. އަޅުގަނޑު މިހާރު ބޭނުންވަނީ ގާސިމްގެ އާއިލާގެ ފަރާތުން މަޢާފަށް އެދެން. އެއްވެސް ލުޔެއް ދެވެން އޮތްނަމަ، އެ ލުޔެއް އަޅުގަނޑަށް ލިބުން އެދެނީ. އަޅުގަނޑު މިއަދު ވަރަށް ބޮޑަށް ދެރަވޭ އެކަމާ
ދައުވާ ލިބޭ އަދުހަމް

ދައުވާ އަށް އެއްބަސްވުމުން ބައެއް ހައްގުތަކެއް ދޫކޮށްލަން އެއްބަސްވެވޭކަން ފާހަގަ ކުރައްވައި، ގާޒީ ވަނީ އަދުހަމް ކުށަށް އެއްބަސްވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ ވެސް ސުވާލު ކުރައްވާފަ އެވެ.

އެއްވެސް ފަރާތެއްގެ މަޖުބޫރު ކަމެއް އަޅުގަނޑަކަށް ނެތް،
އަދުހަމް

އަދުހަމް ކުށަށް އިއުތިރާފް ވިޔަސް، ދައުލަތުން އޮތީ އޭނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން، އެ ހާދިސާ ހިނގި ދުވަހު އޭނާ ހުޅުމާލެ އަށް ދިޔަ ކަމާއި އެރޭގެ ވަގުތެއްގައި ހުސް ގަޔާ ހުރެގެން ހެދުމެއް ހޯދަން އަދުހަމް ރަށްޓެއްސެއްގެ ގެއަށް ދިޔަ ކަމުގެ ހެއްކަކާއި ހުޅުމާލޭ ކެފޭ އަކުން އޭނާ ވަޅިއެއް ހޯދިކަމުގެ ހެކިން ވެސް ހުށަހެޅި އެވެ. އަދި ވަޅި ހޯދި ފުލުހުންނާއި އެކަމަށް ބާރު ދޭ ފޮރެންސިކް ހެކީގެ އިތުރަށް އަދުހަމް ތަހުގީގަށް ދިން ބަޔާން ވެސް ދައުލަތުން ހުށަހެޅި އެވެ.

އެހެންނަމަވެސް އަދުހަމް ކުށަށް އެއްބަސްވެފައިވާތީ، ހެކިން ހާޒިރު ނުކުރިޔަސް، މައްސަލައެއް ނެތް ކަމަށް ދައުލަތުން ބުނެއެވެ.

ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ މީހުންގެ މައްޗަށް އޮންނަނީ އުމުރަށް ޖަލަށް ލާން 25 އަހަރުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް، އަދުމަމް ކުށަށް އިއުތިރާދުވެފައިވާތީ އޭނާގެ މައްޗަށް އަންނާނީ 17 އަހަރާއި 6 މަސް ދުވަހުގެ ހުކުމެކެވެ. އެކަމަކު ގާސިމްގެ އާއިލާ އިން މަރަށް މަރު ހިފަން ބޭނުންވެއްޖެ ހާލަތުގައި އަންނާނީ އެފަދަ ހުކުމެކެވެ.

ގާޒީ، އިސްމާއިލް ވިދާޅުވީ ދެން އޮންނާނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. އަންނަ ހަފުތާގައި ބާއްވާ އަޑުއެހުމުގައި ގާސިމްގެ ވާރިސުން ބަޔާން ނެގުމާއި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ފަހު، ހުކުމް އިއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަދުހަމް އަކީ ކުރިން ވެސް ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އޭނާ ގާސިމަށް ހަމަލާދިނީ ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދުހަމްގެ މައްޗަށް ގާސިމްގެ މަރުގެ ޝަރިއަތް ކުރިއަށް ގެންދާއިރު އަދުހަމް މިހާރުވެސް ގެންދަނީ ވައްކަމުގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.