ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އުތުރުގެ ރަށެއްގައި ހާއްސަ އެހީއަށް ބޭނުންވާ ދިވެހި އަންހެނަކަށް ބިދޭސީ ފިރިހެނަކު ޖިންސީ ގޯނާކުރި މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ. އެމައްސަލަ ހުށައެޅީ މިއަދު މެންދުރު 12:00 ހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއީ ނޯތު ސެންޓްރަލް ޑިވިޜަން ސަރަހައްދުގައި ހިންގާފައިވާ އަަމަލެއްކަމަށް ފުލުހުން ބުނެއެވެ. އެޑިވިޜަންގައި ހިމެނެނީ ކ، އއ، އދ އަދި ވ އަތޮޅުގެ ރަށްތަކެވެ.

މިފަދަ ކޭސްތަކުގައި ހިމެނޭ މީހުންގެ އަބުރު ރައްކާތެރިކުރުމަށްޓަކައި އެމީހުންނާއި އެމީހުން ނިސްބަތްވާ ރަށުގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.