ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ އޮންއެރައިވަލް ވިސާ ސަޢުދީ ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަޢުދީ ރަސްގެފާނުގެ މި ނިންމެވުމާއެކު، ސައުދީއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް، އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ވަރަށް ގިނަ ދިވެހިރައްޔިތުން އެދިއެދި ތިބި ހުވަފެނެއްގައި ކުލަޖެހި، ހަގީގަތަކަށްވާ ދުވަސް ކަމަށާއި މިކަމުން ދައްކައިދެނީ ދިވެހިރާއްޖެއާއި ސައުޢޫދީ އަރަބިއްޔާއާއި ދެގައުމުގެ ދެމެދުގައި އޮންނަ ގާތް އަޚުވަންތަ ގުޅުމާއި، ސަޢުދީ ލީޑަރޝިޕުން ދިވެހި ރައްޔިތުންނަށާއި މިހާރުގެ ސަރުކާރަށް ބަހައްޓަވާ ޚާއްސަ އަޙައްމިޔަތުކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ތައްޔާރަށް ތިއްބެވިކަމުގެ ހެއްކެއްގޮތުގައިވެސް މިކަން ފާހަގަކުރެއްވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޙައްޖާއި ޢުމްރާގެ މާތް އަޅުކަން އަދާކުރުމަށާއި އެހެނިހެން ކަންކަމަށް ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާ ދިވެހިންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތެއް ދިނުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި އުފައްދަވާފައިވާ ކޮންސިއުލޭޓް ހުޅުވުމަށް މިހަފްތާގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއިން ވަނީ ހުއްދަ ލިބިފައި. އަދި ކޮންސިއުލޭޓް ހުޅުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، ސަޢޫދީ ޢަރަބިއްޔާގެ ކަމާއިބެހޭ އިދާރާތަކާ ގުޅިގެން މި މިވުޒާރާއިން ކުރަމުންގެންދާކަމާއި، މި އަހަރުގެ ޙައްޖު މޫސުމަށް ކޮންސިއުލޭޓްގެ ޚިދުމަތް ލިބިގެންދާނެކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވާލަން.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އޮން-އެރައިވަލް ވިސާގެ ހިދުމަތްތައް ފެށުމާއެކު، ދިވެހިން ސަޢުދީއަށް ދަތުރުފެށުމުގެ ކުރިން އޮންލައިންކޮށް އީ-ވިސާއަށް އެޕްލައިކުރުމުގެ ފުރުޞަތު ނުވަތަ ވިސާއާއި ނުލާ ސަޢުދީއަށް ދަތުރުކޮށް އެއަރޕޯޓްއިން ވިސާއަށް އެޕްލައިކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެކަން ފާހަގަކުރެއްވިއެވެ.

އަދި ދިވެހިރައްޔިތުންނަށް މި ވިސާގައި ސިންގަލް އެންޓްރީނަމަ، 1 މަސް ދުވަހުގެ މުއްދަތަށް ހުރެވޭނެ ކަމަށާއި އަދި މަލްޓިޕަލް އެންޓްރީކޮށް އެއް އަހަރު ދުވަހުގެ ވިސާއެއްގައި، އެ އަހަރުތެރޭ، ސަޢުދީ ޢަރަބިއްޔާގައި ޖުމްލަ 90 ދުވަސް ހޭދަކުރެވޭގޮތަށް ދަތުރުކުރުމުގެ މަގު ފަހިވެގެންދާނެކަމަށް މިނިސޓަރ ވިދާޅުވިއެވެ.

މި ބަދަލުގެ ސަބަބުން ވިސާ ފީއަށް ދައްކަންޖެހޭ އަދަދަށް ބޮޑު ލުއިކަމެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި ވިސާ ބޭނުންކުރެވޭނީ ހަމައެކަނި ފަތުރުވެރިކަމާއި ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ސަޢުދީ އޮން-އެރައިވަލް ވިސާ އަދި އޮންލައިން ވިސާ ސިސްޓަމް އެކްޓިވޭޓް ކުރުމަށްޓަކައި، ކުރަންޖެހޭ އެންމެހާ އިދާރީ ކަންތައްތައް، ސަޢުދީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.

އޮން-އެރައިވަލް ވިސާ ނަގަންފެށޭނެ ސީދާ ތާރީޚެއް ސަޢުދީ ސަރުކާރުން އިޢުލާނުކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.