ބްރޯޑްކާސްޓްކުރާ އެއްވެސް އިވެއްޓެއް ކޮމިޝަންގައި ހުންނަވައިގެން ހުށަނޭޅުއްވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާގެ ކިބައިން އެދިއްޖެއެވެ.

ސަރުކާރުގެ އިވެންޓެއް މަރީ ހުށަހެޅުއްވި މައްސަލަ ހޫނުވެ، އެކަން ހިނގައިދިއަގޮތް އޮޅުންފިލުވުމަށް މަރީ ކޮމެޓީއަށް ހާޒިރުކޮށް މެންބަރުން ވަނީ، ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނަވައި އިވެންޓްތައް ހުށަނޭޅުއްވުމަށް މަރީގެ ކިބައިން އެދިވަޑައި ގެންފައެވެ.

ކޮމެޓީގެ މުގައްރިރު ރޮޒައިނާ ވިދާޅުވީ ހުރިހާ ކަމަކީ ޤާނޫނުގައި ލިޔެވިފައި ނެތް ކަންކަން ކަމުގައިވީ ނަމަވެސް، ރައްޔިތުންނަށް އެއީ ގަބޫލުނުކުރެވޭ ކަމެއްކަމަށް ވާނަމަ، ގާނޫނުން ލިބިދޭ ހަނި ފުރުސަތުގެ ބޭނުންކޮށްގެން އެކަން ކުރުމަކީ ރަނގަޅު ކަމެއްގެގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އެހެންކަމުން މަސައްކަތް ކުރައްވާއިރު، ރައްޔިތުންނަށް ބަލައިނުގަނެވޭ ކަންކަމަށް ވިސްނަވައި ރައްޔިތުންގެ މަސްލަހަތު އިސްކުރެއްވުމަށް އެދިވަޑައިގަންވާ ކަމަށެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ، ބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތެއް ރެގިއުލޭޓްކުރަން އޮންނަ މުއައްސަސާއަކީ ބްރޯޑްކޮމް ކަމަށާއި އެހެންކަމުން ގާނޫނުގައި މަނާކޮށްފައި ނެތްނަމަވެސް، ބްރޯޑްކާސްޓްކުރާ އެއްވެސް ޖަލްސާއެއްގައި ބްރޯޑްކޮމްގެ މެމްބަރަކު އެހެން ހައިސިއްޔަތަކުން އެފަދަ ގޮތަކަށް ބައިވެރިވެވަޑައިގަތުމާ ގުޅޭގޮތުން އަމިއްލައަށް ވިސްނާލަންޖެހޭ ކަމަށެވެ.

އަދި ބްރޯޑްކާސްޓިން ގަވާއިދަކީ އާންމުކޮށް ފެންނަން އޮންނަ އެއްޗެއް ނޫންކަން ފާހަގަ ކުރައްވާ މެމްބަރު އުޝާމް ވިދާޅުވީ، ގަވާއިދު އާންމުންނަށް ފެންނާނެ ގޮތަކަށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ބުރަބި" ހަފްލާ ހުށަހަޅައިދިން މައްސަލަ ހޫނުވެފައި ވަނިކޮށް މަރީ ވަނީ ޓްރެވަލް އެވޯޑްސް ހަފްލާވެސް ހުށަހަޅުއްވައި ދެއްވާފައެވެ. އެ ހަފްލާގައި ޕްރެޒެންޓަރު މޫސާ ވަސީމްއާއެކު ނަގާފައިވާ ފޮޓޯއެއް މަރީ ވަނީ އިންސްޓަގްރާމް ކުރައްވާފައެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ކުރާ މަސައްކަތަށް ލޯބިކުރައްވާ ކަމަށް ވިދާޅުވެ މަރީ ވަނީ ހޭޝްޓެގްގެ ގޮތުގައި "ވަޓްއެވާ" ބޭނުންކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން މެމްބަރު އުޝާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަރީ ވިދާޅުވީ ވަޓްއެވާއަކީ ބެކްސްޓޭޖުގައި ބޭނުންކުރާ ޓެގްލައިނެއް ކަމަށެވެ.

ބެކްސްޓޭޖުގައި ގާތްގަނޑަކަށް ފަސް ހަ ގަޑިއިރު ކޮޅަށް ތިބެންޖެހޭ. އެ ނިމިގެން އަސްލު ތެދަށް ބުނަންޏާ ކާ އެއްޗެހި ވެސް ކުނިވާ ހިސާބުން އަޅުގަނޑުމެން ކާނީވެސް. ބުރަ މަސައްކަތެއް ޕްރެޒެންޓިން އަކީ. އަދި އެހާ ބުރަކޮށް މަސައްކަތް ކުރާ އިރު ގިނަ ފަހަރަށް ޝޯތަކުގެ ކަންކަން ދަނީ. އެހެންކަމުން "ވަޓްއެވާ" އަކީ ބެކްސްޓޭޖުގައި ގެންގުޅޭ "ޓެގްލައިނެއް."
މަރީ

އިނގުރައިދޫ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަރީ ވިދާޅުވީ އަމިއްލަ ޖަލްސާތައް ފިޔަވައި އިތުރު އެހެން އެއްވެސް ޖަލްސާއެއް ހުށަނާޅާނެ ކަމުގެ ޔަގީން ދެއްވަން ކެރިވަޑައި ގަންނަވާ ކަމަށެވެ. އަދި އަމިއްލަ ގޮތުން ޖަލްސާތައް ހުށަހަޅައިދިނުމާއި ސަރުކާރުގެ ޖަލްސާތައް ހުށަހެޅުމުގައި ބްރޯޑްކާސްޓިން ގައިވާއިދާއި ފުށުއަރާނެ އެއްވެސް ނުކުތާއެއް ފެންނަށް ނެތްކަމަށް މަރީ ވިދާޅުވިއެވެ. އެ މަސައްކަތަކީ ވަރަށް ޕްރޮފެޝަނަލްކޮށް އޭނާ ކުރައްވާ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމްވެސް ވަނީ މި މައްސަލާގައި ކަންބޮޑުވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މީކާއީލް ވިދާޅުވީ މިމައްސަލަ އަޅުވާކިޔަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބް ރައީސަކަށް ހުންނެވި ޒައިނާ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ކެންޕެއިން ހަރަކާތެއްކަހަލަ އިވެންޓެއްގައި ގޮނޑިޖެހި މައްސަލައާ ކަމަށެވެ. ނަމަވެސް އެމައްސަލައާއި މަރީގެ މައްސަލައާއި އެއްވެސް ކަހަލަ އެއްގޮތް ކަމެއް ނެތްކަމަށް މީކާއިލް ވިދާޅުވިއެވެ.

ނަމަވެސް އެތިކަލީ ކޮންފްލިކްޓް އޮފް އިންޓްރެސްޓް އައިސްދާނެ ކަމަށްޓަކައި އެ ޕޮސިބިލިޓީ އައިސްދާނެ ކަމަށްޓަކައި އެހާ ރަނގަޅު ކަމަކަށް ނުވެދާނެ. ދެން އަދި އެ ކޮންފްލިކްޓް އޮފް އިންޓްރެސްޓް އަޔަސްވެސް މައްސަލަ ބެލުމުގައި ހަމަ މަރީއަަށް ތަނާޒުލްވެސް ވެވިދާނެ. އެއީވެސް އޮތް ގޮތެއް. އެހެންނަމަވެސް އެތިކަލީ އެހާ ރަނގަޅު ނޫން ކަމަށް އަޅުގަނޑުވެސް ދެކެނީ."
މީކާއީލް

ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސަރުކާރާއި މަޖިލިސް ބަދަލުވިއިރު ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު ވައުދަކީ މިނިވަން މުއައްސަސާތައް ނުފޫޒެއްނެތި މިނިވަން ކަމާއެކު ހިންގުމުގެ ޖާގަ މަޖިލިހުން ހުޅުވާލަދޭނެ ކަމަށާއި ސަރުކާރުން އެކަންކަމަށް ނުވަންނާނެކަން ކަމަށެވެ. މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު މަސައްކަތްކުރަން ވަރަށް ހަރުކަށިކޮށް ރޮޒައިނާ ވަނީ އެދިވަޑައި ގެންފައެވެ.

އަޅުގަނޑުމެންނަށް އައި އެންމެ ބޮޑު ޗެލެންޖަކީ މަރިޔަމް ވަހީދާއަކީ އަޅުގަނޑުމެންގެ މި ކޮމެޓީން ފާސްކޮށްގެން ތަޅުމަށްގޮސް 65 އެމްޑީޕީ މެމްބަރުން ތިބޭ މަޖިލީހަކުން ނަން ފާސްވެގެންދިޔައީ. އަދި އެހެން ޕާޓީތަކުގެވެސް ރުހުމާއެކީގަ. އެހެންވީމަ އަޅުގަނޑުމެންގެ ވަރަށް ބޮޑު ހައި އެކްސްޕްކްޓޭޝަންސް ތަކެއް އޮވޭ. އަދި ހުރިހާ ކަމަކީ ގާނޫނުގައި ލިޔެފައިއޮތް ކަންތައްތަކަކަށް ނުވިޔަސް ޕަބްލިކް އެކްސްޕެކްޓޭޝަން އަކީ ހަގީގަތުގައި އެންމެ މުހިންމު އެއް ކަންތައް. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ރައްޔިތުންނަށް ގެއްލިފައި އޮތް އިތުބާރެއް އަނބުރާ ހޯދައިދިނުމަށް."
ރޮޒައިނާ

ގިނަ މަޝްވަރާތަކަށް ފަހުގައި، ކޮމިޓީގެ މެންބަރުން ނިންމެވީ ބްރޯޑްކޮމްގެ އެއްވެސް މެމްބަރަކު ކޮމިޝަންގެ މަގާމުގެ ހައިސިއްޔަތުން ފިޔަވައި އެނޫން އެއްވެސް ގޮތަކަށް ބްރޯޑްކާސްޓްކުރާ އެއްވެސް ޖަލްސާއެއްގައި ބައިވެރި ނުވެވޭގޮތަށް ބްރޯޑްކޮމްގެ ގަވާއިދުގައިލިޔަން އެ ކޮމިޝަނަށް މަޖިލީހުގެ ކޮމިޓީން ސިޓީއެއް ފޮނުވުމަށެވެ.