ކުށެއް ސާބިތުވެ އަންނަ ހުކުމުގެ މުއްދަތަށްވުރެ، ހުކުމަކާނުލައި ވާނުވާ ޖަހާފައި އެއަށްވުރެ ދިގު މުއްދަތެއް ޖަލުގައި ހޭދަވެފައިވާ މީހުންގެ މައްސަލަތައްވެސް ފެނިފައިވާ ކަމަށް ޕްރޮސެކިއުޓާ ގެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓާ ގެނެރަލްގެ އޮފީހުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ހިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ހުކުމަކާ ނުލައި ޖަލުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބަޔަކު ތިބުމަކީ އަބަދުވެސް ވަރަށް ކަނބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެއީ މުޅި ނިޒާމަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.

ޝަމީމް ވިދާޅުވީ މާގާމާ ހަވާލުވެވަޑައި ގެންނެވިފަހުން ކޮންމެ އާދީއްތަ ދުވަހަކު، އެވަގުތު ޖަލުބަންދުގައި ތިބި މީހުންގެ ތަފްސީލުތައް ކަރެކްޝަން މެދުވެރިކޮށް ހޯއްދަވާ ކަމަށެވެ. ބަންދުގައި ތިބީ ކޮން ބައެއް ކަމާއި، އެމީހުން ބަންދުގައި ތިބީ ކީއްވެގެންކަން ސާފުކުރާ ކަމަށެވެ.

މި ލިސްޓުގައި ތިބީ ކޮންމެހެން ބަންދުގައި ތިބެންޖެހޭ މީހުންތޯ ޔަގީންކުރައްވާ ކަމަށާއި، ބަންދުން ދޫކޮށްލެވޭނެ މީހަކު ހުރިތޯ ބައްލަވައި އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަޅުގަނޑުމެން ލިސްޓުން މި ބަލަނީ، ބަންދުން ދޫކޮށްލެވޭނެ މީހަކު ހުރިތޯ ނުވަތަ ނެތްތޯ ނުވަތަ ޝަރުތުތަކާއި އެކު ދޫކޮށްލެވޭނެ މީހުން ތިބިތޯ އެމަސައްކަތް ކޮންމެ ދުވަހަކުވެސް އެބަ ކުރިއަށްދޭ ބަންޑާރަ ނައިބުގެ ސިޔާސަތުގަ ވެސް އެބަވޭ ކޮންމެ 30 ދުވަހަކުން ބަންދުގައި ހުރި މީހުންގެ ބަންދާއި މެދު ގޮތް ނިންމަން ޖެހޭނެ ކަމަށްއެ މަސައްކަތްވެސް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން، ،
ޕީޖީ ޝަމީމް

ޕީޖީ ޝަމީމް ވިދާޅުވީ ބަންދުގައި ތިބި މިހުންގެ ލިސްޓުތަކަށް ބަލައި މުރާޖައާ ކުރުމަށްފަހު އޭގެތެރެއިން ވަރަށް ގިނަމީހުން މިހާރުވެސް ދޫކޮށްލާފައިވާނެ ކަަމަށެވެ. އެމީހުން އެއްކޮށް މިނިވަންކުރަނީ ނޫން ކަމަށާއި އެމީހުން ބަންދުން ދޫކޮށްލަނީ ޝަރުތުތަކަކާއެކު ކަމަށް ވިދާޅުވިއެވެ.

އެގޮތުން އިތުރު ކުށެއް ނުކުރުމާއި ކޯޓަށް ހާޒިރުވުން ފަދަ ޝަރުތުތައް ހިމެނޭނެ ކަމަށާއި، މިއިން އެއްވެސް ކަމެއް ފެންނަނަމަ އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން އެމީހަކު އަނބުރާ ބަންދަށް ގެންދެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ލިސްޓުތައް ބެލުމުގެ ތެރޭގައި ފާހަގަވި އެންމެ ބޮޑު އެއް މައްސަލައަކީ، މީހާގެ މައްޗަށް ކުށް ސާބިތުވެ ހުކުމް އިއްވުމުންވެސް އެމީހާގެ މައްްޗަށް ހުކުމަކަށް އަންނާނެ މުއްދަތަށްވުރެ ދިގު މުއްދަތެއް ވާނުވާގައި ޖަލުގައި ހޭދަކޮށްފައި ތިބިމީހުން ތިބިކަން ކަމަށެވެ. އެފަދަ މީހުން އެއްވެސް ޝަރުތަކާނުލައި ވަގުތުން ވަގުތަށް މިނިވަންކޮށްފައި ވާނެކަމަށް ޕީޖީ ޝަމީމް ވިދަޅުވިއެވެ.

އަޅުގަނޑުމެން މި ދޫކުރަނީ އެއްކޮށެއް ނޫން، ޝަރުތުތަކަކާ އެކު އާންމުކޮށް ޝަރުތުތަކަކަށް އޮންނާނީ ކޯޓަށް ހާޒިރު ވުމާ އިތުރު ކުށެއް ނުކުރުމާ، އެކަމަކު އެއްކޮށް ދޫކުރެވޭ ބަޔަކު އެބަތިބި އެމީހުން ދޫކޮށްފައި ހުންނާނީ އެމީހާގެ މައްޗަށް އަންނަ ހުކުމް ތަންފިޒުކޮށް ނިމޭހާ ދުވަސްވެފައި ތިބި މީހުން، އެކަހަލަ މީހުންވެސް އެބަތިބި، އެމީހުން ވާނީ ޝަރުތަކާ ނުލާ މިނިވަންކޮށްފައި
ޕީޖީ ޝަމީމް

ޕީޖީ ޝަމީމް ވިދާޅުވީ މިހާރު ބަންދުގައި ތިބޭނީ ކޮންމެހެން ބަންދުގައި ބައިތިއްބަންޖެހޭ ކަމަށް ފެންނަ މީހުން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި، ނޫންނަމަ މަސްުތުވާތަކެތި ފުޅާދާއިރާއެއްގައި ކުރާ މީހުންނާއި، މީހުން މެރުމުގައި ޝަމިލްވެފައިވާ މީހުން ފަދަ މީހުން ކަމަށެވެ.

ޝަމީމް ވިދާޅުވީ ކުދިކުދި މައްސަލަތަކާ ގުޅުންހުރި މީހުން މިހާރު ބަންދުގައި ނުތިބޭނެ ކަމަށާއި އެކަމަކު އަދިވެސް ޖަލުގައި ވާނުވާ ޖަހާފައިތިބި 200 އެއްހާ މީހުން އެބަތިބި ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ރާއްޖޭގައި ޖަލުތަކުގައި ވާނުވާގައި މީހުން ތިބުމާ މިފަދަ ހުރިހާ ކަމެއްވެސް ދިމާވަނީ ޝަރީއަތްތައް ކުރިއަށް ގެންދާގޮތުން ކަމަށެވެ.

އެގޮތުން ބައެއް މައްސަލަތަކުގެ ޝަރިއަތްތައް ގިނަ އަހަރުތަކެއް ވެގެންދާއިރުވެސް ކުރިއަށް ނުގެންދާކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ ޝަރީއަތްތައް އަވަސްކޮށްދިނުމަށް ރާއްޖޭގެ ހުރިހާ ކޯޓުތަކުގައިވެސް އެދިވަޑައިގެންފައިވާނެ ކަމަށެވެ.