"ކޮވިޑް-19" ގެ ނަމުން ނަންދީފައިވާ ނުރައްކާތެރި ވައިރަސްގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޗައިނާއިން 97 މީހުން މަރުވުމާއެކު، މި ވައިރަސްގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 1،113 އަށް އަރައިފިއެވެ.

ހޮންގްކޮންގާއި ފިލިޕީންސުން މަރުވި ދެމީހުންނާއެކު ވައިރަސްގެ ސަބަބުން މިހާތަނަށް މަރުވިކަމަށް ރަސްމީ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 1،115 އަށް އަރާފައެވެ.

އެހެން ނަމަވެސް، ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ޖެހިޖެހިގެން ދެވަނަ ދުވަހަކަށް މަދުވެފައިވާ ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ބުނެފައި ވެއެވެ. ހޫބޭ ޕްރޮވިންސްގެ އިތުރުން ޗައިނާގެ އެހެން ރަށްތަކުންވެސް ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ފާއިތުވެދިޔަ ދެދުވަހު ދަށްވެފައިވާ ކަމަށް ހެލްތު ކޮމިޝަނުން ބުނެފައި ވެއެވެ.

ކުރިން ނޮވެލް ކޮރޯނާވައިރަސްގެ ނަން ކިޔަމުންއައި މި ވައިރަސްއަށް ޗައިނާއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 44،600 އަށް އަރާފައިވާ ކަމަށް ހެލްތު ކޮމިޝަނުން ބުނެފައި ވެއެވެ.

ޗައިނާ ފިޔަވައި ވައިރަސްއަށް އެންމެ ގިނަމީހުން ޕޮޒިޓިވްވެފައިވަނީ ޖަޕާނުގައެވެ. ޖަޕާނުގެ ބަނދަރެއްގައި ކަރަންޓީނުކޮށްފައިއޮތް ކްރޫޒްލައިނަރއެއްގައި ތިބި މީހުންގެ ތެރެއިން 197 މީހަކު މިހާތަނަށް ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައި ވެއެވެ. އިތުރު މީހުންގެ ޓެސްޓްތައްވެސް ދަނީ ހަދަމުންނެވެ.

ވައިރަސްއާ ދެކޮޅަށް މަސައްކަތް ފެށުމާގުޅޭގޮތުން ޖެނީވާގައި އިއްޔެ ފެށި ސައިންވެސްވެރިންގެ ބައިނަލްއަގްވާމީ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ޗައިނާއާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ފެތުރެމުންދާ ވައިރަސްއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ "ވަރަށްބޮޑު ނުރައްކަލެއް" ކަމަށެވެ.

އެހެން ނަމަވެސް، ދުނިޔޭގެ ހުރިހާ ކަނަކުން މިވައިރަސްއާ ކުރިމަތިލައި، ވައިރަސް ހުއްޓުވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ ދިފާއުވުމަށް ނުކުޅެދޭ ހާލަތެއްގައެއްނޫން. މިހާރު އިންވެސްޓް ކޮށްފިނަމަ މި ވައިރަސް ފެތުރުން ހުއްޓުވުމުގެ ހަގީގީ ފުރުސަތު އެބައޮތް"
ޓެޑްރޯސް