އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ސްޓޭޓް އެސެމްބްލީ އިންތިޚާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ބޮޑު ތަފާތަކުން ބަލިވުމާއެކު، ނިއުދިއްލީގައި ބިރިޔާނީގެ ވިޔަފާރި އާދަޔާޚިލާފަށް އިތުރުވެގެން ހިނގައްޖެއެވެ.

މިކަން ރިޕޯޓް ކޮށްފައިވަނީ އިންޑިއާގެ ދި އިކޮނޮމިކް ޓައިމްސްއިންނެވެ.

އިންތިޚާބު ނިމި، ނަތީޖާ އިޢްލާން ކުރުމާއެކު ނިއުދިއްލީގައި ބިރިޔާނީގެ ވިޔަފާރި އާދަޔާ ޚިލާފަށް އިތުރުވެގެންދިޔައީ، ކެމްޕެއިން ތެރޭގައި ބީޖޭޕީގެ އިސް ލީޑަރުންތަކެއް، ނިއުދިއްލީގައި ވެރިކަންކުރާ އާމް އާދްމީ ޕާޓީއަށް ނިސްބަތްކޮށް ވިދާޅުވެފައިވާ ވާހަކަތަކާ ގުޅިގެން ކަމަށް ވެއެވެ.

ސަރުކާރުން ފާސްކުރި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް މުޒާހަރާކުރަން މަގުތަކަށް ނުކުމެގެން އުޅޭ މީހުންނަށް އާމް އާދްމީ ޕާޓީން ބިރިޔާނީ ބަހަމުންދާ ކަމަށް ވިދާޅުވެ، އެ ބޭފުޅުންވަނީ ކެމްޕެއިން ތެރޭގައި ނިއުދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދު ކެޖްރިވާލް އަށާއި، އޭނާގެ އާމް އާދްމި ޕާޓީއަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ.

ބިރިޔާނީއާ ގުޅުވައިގެން އާމް އާދްމީ ޕާޓީއަށް ބަހުގެ ހަމަލާތައް ދެއްވި ބޭފުޅުންގެ ތެރޭގައި، އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރ ޔޯގީ އަދިތިޔަނާތުވެސް ހިމެނިވަޑައި ގަންނަވައެވެ.

ބީޖޭޕީގެ އައިޓީ ހެޑް އަމިތު މަލްވިއާ ވަނީ، ޝާހީން ބާޣްގެ މަގުމަތީގައި ބަޔަކު ބިރިޔާނި ކާންތިއްބާ ނަގާފައިވާ ފޮޓޯތަކެއް ޓްވީޓްކޮށް، އެއީ އާމް އާދްމީ ޕާޓީން މުޒަހަރާކުރާ މީހުންނަށް ބިރިޔާނީ ބަހަމުންދާކަމުގެ ހެކިކަމަށް ވިދާޅުވެފައެވެ.

ޝާހީން ބާޣަކީ، ރަށްވެހިކަމުގެ ގާނޫނުގެ މައްސަލާގައި ބޮޑުވަޒީރު މޯދީގެ ސަރުކާރަށް އެންމެބޮޑު ދެކޮޅުވެރިކަމެއް ދެއްކި ސަރަހައްދެވެ. އެ ސަރަހައްދު އެތައް ހަފްތާއަކަށް ބަންދުކޮށްގެން އުޅުނީ ގާނޫނާ ދެކޮޅު އަންހެނުންގެ ގްރޫޕްތަކުންނެވެ.

ނިއުދިއްލީގެ އިންތިޚާބު އާމް އާދްމީ ޕާޓީ ބޮޑު ތަފާތަކުން ކާމިޔާބު ކުރުމާއެކު، އެކަމުގެ އުފާފާޅުކުރުންތަކުގައި ބިރިޔާނި ކެއުންތައް އިންތިހާއަށް އިތުރުވެގެން ގޮސްފައިވާ ކަމަށް އިކޮނޮމިކް ޓައިމްސްއިން ބުނެއެވެ. އެގޮތުން، ބިރިޔާނި ކެއުމަށްފަހު އޭގެ ފޮޓޯތަކުން އާންމުން ސޯޝަލް މީޑިއާ ފްލަޑްކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ރެސްޓޯރަންޓްތަކުންވެސް ބިރިޔާނީގެ އަގުތައްވެސް ހެޔޮކޮށް އަދި ޑިސްކައުންޓްވެސް ދެމުންގެންދާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ނިއުދިއްލީގައި ހިންގާ ބިރިޔާނީ ޗެއިންގެ ކޯ-ފައުންޑަރ ރޭމޮންޑް އެންޑްރޫޒް އިކޮނޮމިކް ޓައިމްސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ބިރިޔާނީއަކީ އުފަންދުވަހާއި، އަހަރީ ދުވަސްކަހަލަ، އޭގެ ޒާތުގައިވެސް ޚާއްސަ ފާހަގަކުރުންތަކުގެ ކެއުމެއް ކަމަށެވެ. އެހެންކަމުން، މިއަދު ނިއުދިއްލީގައި ބިރިޔާނީގެ އޯޑަރުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށް ރޭމަންޑް ބުނެފައި ވެއެވެ. ނިއުދިއްލީގެ އެހެން ރެސްޓޯރަންޓްތަކުންވެސް ބުނެފައިވަނީ އެހެންނެވެ.