ރާއްޖޭގައި މިހާތަނށް ހިނގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ މައްސަލަ ހުއްޓި ލަސްވަމުންދާ ކަމަށާއި، އެމައްސަލާގައި ވީ އެންމެ އަވަހަކަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، އެއްވެސް މައްސަލައެއް އެގޮތަށް ދިގުލައިގެން ދިޔުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މި މައްސަލައަކީ ދައުލަތުގެ އިސްވެރިންތަކެއްގެ މައްޗަށްވެސް ތުުހުމަތުގެ އިނގިލިތަކެއް އޮތް މައްސަލައަކަށް ވުމުން މި މައްސަލަ ވީ އެންމެ އަވަހަކަށް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ހިޔާނާތުން މަންފާވި މީހުންގެ ލިސްޓު އެގޮތުގައި އޮތުން ރަނގަޅެއް ނޫން ކަމަށާއި އެވަރުގެ ބޮޑު ތުހުމަތެއް ބައެއްގެ ބޮލުގައި އަޅުވާފައި އެކަން ދެމިއޮތުމަކީ ދައުލަތަށް އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި އެބައެއްގެ މައްޗަށް ދައުވާ ކުރުމަށް ނުވަތަ ނުކުރުމަށް ނިންމާ ކޮންމެވެސް އެއްކޮޅެއްގައި ޖައްސާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މިސާލަކަށް ސިފައިންނާއި ފުލުހުންނާއި ބައެއް ކޮމިޝަންތަކުގެ މެންބަރުންފަދަ މީހުންގެ ކަންތައްތައް ކޮޅެއްގައި ޖައްސަންޖެހޭ. އެމީހުންގެ މައްޗަށް ތުހުމަތު އުފެދޭގޮތަށް ބާއްވައިގެން ކުރިޔަށް ގެންދިޔައީމަ މުޅި ނިޒާމާ ދޭތެރޭގައި އިތުބާރު ގެއްލޭގޮތް އެބަވޭ. އެހެންވެ އެކަން އެބަ އަވަސް ކުރަންޖެހޭ ކުރިޔަށް އޮތްތަނުގައި އެއްގޮތަކަށް ނިންމާނަން،"
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

ޝަމީމް ވިދާޅުވީ މިދޭތެރެއިން އެމައްސަލަ ވަރަށް ބާރަށް ކުރިއަށްދިޔަ ކަމަށެވެ. އެކަމަކު ވަކި ހިސާބަކަށް އައިސް އަނެއްކާވެސް ހުއްޓިފައިވާ ކަމަށެވެ.

އެ މައްސަލަ ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިޔުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން އެމައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކާ، ބައްދަލުކުރައްވާފައި ވާނެކަން ޝަމީމް ފާހަގަކުރެއްވިއެވެ.

"މިހާރު ހުރިހާ މުއައްސަސާތަކާ ބައްދަލު ކުރަމުން މިދަނީ އަޅުގަނޑުމެން ވާނެ ގަވަރްނަރާވެސް ބައްދަލުކޮށްފައި. އަދި އޭސީސީގެ ރައީސާއި ވެރިންނާވެސް ބައްދަލުކޮށް މަސައްކަތް ކުރިޔަށް ގެންދާނެ ގޮތަކާ ބެހޭގޮތުން ވާހަކަދެކެވި ކުރިޔަށްދަނީ. ކުރިޔަށް އޮތްތަނުގައި މިހާރަށްވުރެ ބާރަށް މިމަސައްކަތް ހިނގާނެ،"
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

ޝަމީމް ވިދާޅުވީ އެމައްސަލަ ވަކި ބަޔަކަށް ޓާގެޓްކޮށްގެން ކުރިޔަށް ގެންދިޔުމަކީ ރަނގަޅުގޮތް ކަމަށެވެ. ނަމަވެސް ލިސްޓުގައި ދައުލަތުގެ މުއައްސަސާތަކުގައި ތިބި މީހުންގެ މައްސަލަތަކާއި އޭރުވެސް ދައުތަލުގެ މުއައްސަސާތަކުގައި ތިބި މީހުންގެ މައްސަލަތައް ހުރުމުން އެކަން އަވަހަށް ނިންމަންޖެހޭ ކަމަށެވެ.