އަމިއްލަ ދަނޑުގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާ އާއި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި ޕްރީލިމިނަރީ ބުރުގެ ދެވަނަ ލެގުގެ ލަނޑެއް ނުޖެހި އެއްވަރުވުމާއެކު މާޒިޔާ ޕްލޭއޮފް ބުރަށް ދަތުރުކޮށްފިއެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފް ބުރަށް މާޒިޔާ ދަތުރުކުރީ އަވޭ ގޯލުން ކުރިހޯދައިގެންނެވެ. އެއީ ބަންގާޅުގައި ކުޅުނު ފުރަތަމަ ލެގުގައި އަބަހާނީ ކޮޅަށް ޖެހި ދެ ގޯލާއެކުގައެވެ. މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުދަ ދުވަހު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް މާ މޮޅު ކުޅުމެއް ނުފެނެއެވެ. ނަމަވެސް ދެ ޓީމުގެ ޑިފެންސްލައިން ފެނުނީ ފުރަތަމަ ލެގާއި ހިލާފަށް ވަރުގަދަކޮށެވެ. މެޗުގައި މާޒިޔާއިން އެޓީމުގެ ފުރަތަމަ ހަމަލާ އުފެއްދީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ.

މާޒިޔާއާއި އަބަހާނީ މާލޭގައި ކުޅުނު ދެވަނަ ލެގުގެ ތެރެއިން-- ވީ ފޮޓޯ: އަހުމަދު ޝުރާއު

ފުރަތަމަ ހާފާއި ހިލާފަށް މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން ވަނީ ވަރަށް ބޮޑުތަން އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މާޒިޔާއަށް ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްވިއެވެ. އެގޮތުން މެޗުގެ 78 ވަނަ މިނެޓުގައި މާޒިޔާގެ ފަހަތަށް ކުޅޭ އަފްގާނިސްތާނުގެ ޑިފެންޑަރ ޝާރިފް އަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާއަށް ބޮލުން ޖަހަން ލިބުނު ބޯޅަ ފޮނުވާލެވުނީ ގޯލުގެ މަތިންނެވެ.

މެޗުގެ އިތުރުވަގުތުގައި ދެ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ ދެމެދު ހަމަނުޖެހުން ހިނގިއިރު، ރެފްރީ ވަނީ މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މާޒިޔާއާއި އަބަހާނީ މާލޭގައި ކުޅުނު ދެވަނަ ލެގުގެ ތެރެއިން -- ވީ ފޮޓޯ: އަހުމަދު ޝުރާއު

ޕްލޭއޮފްގައި މާޒިޔާ ބައްދަލުކުރަން ޖެހޭނީ އިންޑިއާގެ ބެލްގަލޫރު އެފްސީއާއެވެ. އެ ޓީމު ޕްލޭއޮފުން ޖާގަހޯދާފައިވަނީ ބޫޓާންގެ ޕަރޯ އެފްސީ ބަލިކޮށްގެންނެވެ. މި މެޗުން މޮޅުވެގެން މާޒިޔާ ލައްވާލާނީ އޭއެފްސީ ކަޕުގެ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.