މިދިޔަ ޖެނުއަރީމަހު ރާއްޖެ އެތެރެކުރި މުދަލުގެ އަދަދު ދަށްވެ ރާއްޖެއިން ބޭރުކުރި މުދަލުގެ އަދަދު އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތަކުގައި ވާގޮތުން މިދިޔަ މަހު ރާއްޖެ އެތެރެކުރި މުދަލުގެ ސީއައިއެފް އަގު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ހަތަރު އިންސައްތަ ދަށްވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެ އެތެރެކުރީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި އެމަހު 4ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

މިދިޔަ މަހު ކަސްޓަމްސް މެދުވެރިކޮށް 272 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު 303 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެެވެ. އެހެންކަމުން، މިދިޔަ މަހު އިމްޕޯޓް ދަށްވުމާ ގުޅިގެން، ކަސްޓަމްސްގެ އާމްދަނީ ވަނީ 10 އިންސައްތަ ދަށްވެފަ އެވެ.

މިދިޔަ މަހު އެކްސްޕޯޓުކުރި މުދަލަށް ބަލާއިރު، 420 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރި އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓްކޮށްފައި ވަނީ 347 މިލިއަން ރުފިޔާގެ މުދަލެެވެ. މިއީ 21 އިންސައްތައިގެ އިތުރު އަދަދެކެވެ.