މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސިނަމާލެ ބުރިޖުން މާލެއާއި ހުޅުމާލެ އާ ދެމެދުކުރާ ބަސް ދަތުރުތަކުގައި އާ ރޫޓެއް ތައާރަފްކޮށްފި އެވެ.

މި ރޫޓް ތައާރަފްކުރުމުގެ ގޮތުން، މާލޭ ކާނިވާ ސަރަހައްދުގައި ހަދާފައިވާ ބަސް ސްޓޮޕް ވަނީ ހުޅުވާފައެވެ. އަންގާރަދުވަހުންހުން ފެށިގެންމި ރޫޓްގެ ދަތުރުތައް ވަނީ ފަށާފަ އެވެ.

އެމްޕީއެލް އިން ބުނީ، ގްރޭޓާ މާލޭ ޓްރާންސްޕޯޓް ލިންކުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ފެށި މި އާ ރޫޓުގައި، ބަސް ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ މާލޭ ކާނިވާ ސަރަހައްދުން ފެށިހެން ހުޅުމާލެ އަށް ކަމަށެވެ.

އެގޮތުން، މި ރޫޓްގައި ބަސް މަޑުކުރުމަށް ހަމަޖެހިފައިވާ ތަންތަނަކީ ކާނިވާ ބަސް ސްޓޮޕާއި، ހެންވޭރު ވޮލީކޯޓު ކުރިމަތި އަދި ރެޑްވޭވް ކުރިމަތި އަދި ސެންޓްރޯ މޯލް ކުރިމަތިކަމަށް އެމްޕީއެލްއިން ބުނެއެެވެ.

މީގެ ކުރިން އެމްޕީއެލް އިން މާލެ އާއި ހުޅުމާލެއާ ދެމެދު ބަސް ދަތުރުކޮށްފައި ވަނީ، މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ހުންނަ ބަސް ޓާމިނަލުން ހުޅުމާލޭގައި ހުންނަ ބަސް ޓާމިނަލަށެވެ. މީގެ އިތުރުން، މާލޭ ބަސް ޓާމިނަލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަދި އެއާޕޯޓުން ހުޅުމާލެ އަށް އެމްޕީއެލް އިން ބަސް ދަތުރުކުރެ އެވެ.

އެމްޕީއެލްއިން ބަސް ދަތުރަކަށް ނަގަނީ ކޮޅަކަށް 10 ރުފިޔާ އެވެ.