ހުޅުމާލޭގައި މިހާރު ބޭނުންކުރަމުންދާ ބީޗު ވޮލީބޯޅަ ކޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށްފައިވާކަމަށް ކުޅިވަރާބެހޭ ވުޒާރާއިން ބުނެފިއެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ބީޗް ވޮލީބޯޅަ ކޯޓު ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެއިންނިން ފެސިލިޓީއަކަށް ތަރައްގީކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި ގާއިމުކުރި ފުރަތަމަ ބީޗް ވޮލީބޯޅައިގެ ޓްރެއިނިން ފެސިލިޓީއެވެ.

މަހުލޫފް ވިދާޅުވީ މި ފެސިލިޓީއާއެކު ރާއްޖޭގެ ބީޗްވޮލީބޯޅަ އިތުރަށް ތަރައްގީވުމާއެކު އެ ކުޅިވަރުން އިތުރު ކުރިއެރުންތައް ހޯދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ބީޗްވޮލީބޯޅަ ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރިއިރު، ބީޗްވޮލީއިން ރާއްޖެއިން ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

ހާއްސަކޮށް މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޓީމުން ރިހި މެޑަލް ހޯދިއިރު، ހަމަ އެ ގޭމްސްގައި އިންޑިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ވަނީ ލޯ މެޑަލް ހޯދާފައެވެ.

ބީޗު ވޮލީބޯޅަ ކުޅުމަށާއި ގައުމީ މުބާރާތްތައް ބޭއްވުމަށް ބޭނުންކުރަމުން އަންނަނީ މާލޭ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓެވެ. ތަރައްގީގެ މަޝްރޫއުތަކަށް ނިމިދިޔަ ސަރުކާރުގައި އެތަން ބަންދުކުރި ނަމަވެސް މިހާރު އެތަން ބޭނުންކުރެވޭގޮތަށް ވަނީ ހަދާފައެވެ.