އަނިޔާއިން ރަނގަޅުވެ ބާސެލޯނާގެ ފަރިތަކުރުންތަކުގައި ހަރަކާތްތެރިވަނިކޮށް ބާސެލޯނާއަށް ކުޅެމުން އަންނަ އޮސްމަން ޑެމްބެލޭއަށް އަނެއްކާވެސް އަނިޔާވެ ހަ މަހަށް ކުޅުމާއި ދުރަށް ދާން ޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި އަނިޔާއާއެކު އޭނާއަށް ކުރިޔަށްއޮތް ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއަކަށް ނުކުޅެވޭނެއެވެ. މިއީ ބާސެލޯނާގެ ފޯވާޑް ލައިނަށް މިހާރު ދިމާވަމުން އަންނަ މައްސަލަތަކަށް އިތުރު ހުރަހެއް ކުރިމަތިވި ކަމެކެވެ. އެގޮތުން އެ ޓީމުގެ މުހިއްމު އެއް ފޯވާޑް ލުއިސް ސުއަރޭޒްވެސް ހުރީ އަނިޔާގައިކަމަށް ވާތީއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި، ކަނާތު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ދެ މަހަށްވުރެ ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު ޑެމްބެލޭ އެނބުރި އައިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ.

އަނިޔާއިން ރަނގަޅުވުމަށްފަހު ބާސެލޯނާގެ ފަރިތަކުރުންތަކުގެ ތެރެއިން އަނެއްކާވެސް ޑެމްބެލޭގެ ފަލަ މަސްގަނޑުގެ އަނިޔާ އިތުރަށް ގޯސްވިއެވެ. އެއާއެކު އޭނާ އިތުރު ހަ މަސް ކުޅުމާއި ދުރުގައި ހުންނަން ވަނީ ޖެހިފައެވެ.

ހަ މަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހުމާއެކު މި ސީޒަނުގެ ހުރިހާ މެޗެއްގެ އިތުރުން އަންނަ ޖޫން މަހު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް އޭނާ އަށް ގެއްލިގެންދާނެ އެވެ.

ޑޯޓްމަންޑުގައި މޮޅަށް ކުޅެ ދުނިޔޭގެ ވަރުގަދަ ގިނަ ކްލަބުތަކެއްގެ ލޯ އަމާޒުވި ޑެމްބެލޭ ބާސެލޯނާއާ ގުޅުނީ 2017 ވަނަ އަހަރު އެވެ. ސްޕެއިން އަށް ބަދަލުވުމަށްފަހު މިވީހާ ދުވަހު އަނިޔާގެ ތަފާތު މައްސަލަތައް ކުރިމަތިވުމުން ބާސާ ޖާޒީގައި އެދެވޭ ކުޅުމެއް 22 އަހަރުގެ ކުޅުންތެރިއާ އަށް ދެއްކިފައިނުވެއެވެ.