ނިމިދިޔަ 2019 ވަނަ އަހަރު ޑިޒްނީއިން އުފައްދާ ސިނަމާތަކުގައި އެޅުވި ކާމިޔާބު ފިލްމު "އެލާޑިން" ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ޑިޒްނީގެ އެއް ފިލްމުކަމަށްވާ "އެލާޑިން" ގެ ދެވަނަ ބައިންވެސް ފެންނާނީ ފުރަތަމަ ބައިން ފެނުނު ތަރިންކަމަށް ޑިޒްނީއިން ވަނީ ބުނެފައެވެ.

އެގޮތުން މީނަ މަސްޢޫދާއި، ނެއޯމީ ސްކޮޓްގެ އިތުރުން ވިލް ސްމިތްވެސް ދެވަނަ ފިލްމުން ފެންނާނެކަމަށް އެ ސްޓޫޑިއޯއިން ބުނެއެވެ.

ޑިޒްނީއިން "އެލާޑިން" ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މަޢުލޫމާތު ލިބޭ ގޮތުގައި މިހާރު ކުރިއަށްދަނީ އެފިލްމުގެ ޕްލޮޓް ލިޔުމުގެ މަސައްކަތެކެވެ. ދެވަނަ ފިލްމުގެ ވާހަކަ ފެށޭނީ ފުރަތަމަ ފިލްމު ނިމުނު ހިސާބުންކަމަށްވެސް ޑިޒްނީން ވަނީ ބުނެފައެވެ.

ޑިޒްނީއިން މިދިޔަ އަހަރު "އެލާޑިން" ސިނަމާތަކުގައި އެޅުވުމަށްފަހު އެފިލްމުގެ ސައިޑް ކެރެކްޓަރތަކަށް ބިނާކޮށް ޚާއްސަ ސީރީޒްއެއްގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. އެސީރީޒް ދެއްކުމަށް ހަމަޖެހިފައިވަނީ ޑިޒްނީގެ ސްޓްރީމިން ސަރވިސް މެދުވެރިކޮށެވެ.