2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން އުފަންވެގެން އައި ނޮވެލް ކޮރޯނާ ވައިރަސް މިހާރު މުޅި ދުނިޔެއަށް ފެތުރި އެކަމުގެ ބިރު މިވަނީ ބޮޑުވެފައެވެ. އަދި މިކަމުގެ ސަބަބުން އިގްތިސާދީގޮތުންވެސް އެތައް ގެއްލުންތަކެއް ވާނެ ކަމަށް ލަފާކުރެވި، ގައުމުތަކުން އަންނަނީ އިގްތިސާދީގޮތުން ގެއްލުންތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރާއްޖެއިންވެސް ވަނީ މިފަދަ އެތަައް ފިޔަވަޅުތަކެއް އެޅުމަށް ނިންމައި އެކަން އާންމުކޮށް ސަރުކާރުގެ ހުރިހާ އިދާރާއަކަށާއި މުއައްސަސާއަކަށް އެކަން އަންގާފައެވެ. ޚަރަދުކުޑަކުރުމަށް ފުރަތަމަ އެންގެވީ ކޮރޯނާވައިރަހާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެކުލަވާލައްވާފައިވާ ޓާސްކްފޯސް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިީމް މުހައްމަދު ސޯލިހެވެ. އެއީ މިމަހުގެ ދެވަނަ ދުވަހެވެ. އަދި އެއަށްފަހު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި ދެ ސަރކިޔުލާއެއް ވަނީ ނެރެފައެވެ.

އޮފީސް ޚަރަދުގައި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި މިއަހަރު ކޮންމެހެން ކުރަންޖެހޭ މަރާމާތެއް ނޫނީ ނުކުރުމަށާއި، އޮފީސް ހިންގުމުގެ ޚަރަދުތައް ވީހާވެސް ކުޑަކޮށް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީގެ އެންގުމުގައި ވަނީ އެދިފައެވެ.

މީގެ އިތުރަށް ކެޕިޓަލް ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހުއްޓާލުމަށާއި، މުވައްޒަފުންގެ އޯވަޓައިމް ލިމިޓް ކުރުމަށާއި، ބަޖެޓުގައި ހިމަނާފައި ވީނަމަވެސް، މިހާރު ނުދޭ އެއްވެސް އެލަވަންސެއް މިއަހަރު ތެރޭގައި އަލަށް ދޭން ނުފަށަންވެސް ވަނީ އަންގާފައެވެ. އެހެންނަމަވެސް، ޕީއެސްއައިޕީ ޕްރޮގްރާމްތައް ހުއްޓާލުމަށް އަދި ވިސްނުންފުޅެއް ނެތް ކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ.

މިގެނެވުނު ބަދަލުތަކާއެކު އާންމު ރައްޔިތުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ސޯޝަލް މީޑިޔާގައި ދައުރުވާ ޕޯސްޓްތަކަށް ބަލާއިރު، އާދައިގެ ރައްޔިތުމީހާއަށް ލިބެންވާ އޯވަރޓައިމްގެ ފައިސާ ކަނޑާލާއިރު ނުވަތަ ކުޑަކުރާއިރު އެންމެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައަށް އެއްވެސް ބަދަލެއް ނާންނަނީ ކީއްވެތޯ ވަރަށް ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.

އާންމުންގެ އެންމެ ފުރަތަމަ ޝަކުވާއަކަށްވީ ޚަރަދު ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އަންގާފައި ވަނިކޮށް، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ލަންޑަނަށް ވަޑައިގަތުމެވެ. މިދަތުރުފުޅަކީ ރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމާ ގުޅިގެން، ކޮމަންވެލްތުގެ ސެކްރެޓޭރިއަޓްގައި ދިވެހިދިދަ ނެންގެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެންމެ އިސްކަމެއްދީގެން ކުރި އެއް ކަންތައް ކަމަށްވިޔަސް، މިކަމަށްވެސް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ޚާއްސަކޮށް މިނިސްޓަރ ޝާހިދަކީ ދަތުރުތައް ގިނަ ބޭފުޅެއްކަން ފާހަގަކޮށް މިއީ ޚަރަދު ކުޑަކުރުމަށް އަމާޒު ހިފާފައިވާ ދަނޑިވަޅެއްގައި ކުރުން އެންމެ މުހިންމު ދަތުރެއްތޯ އާންމުން ވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރަށް ސަރކިއުލާތައް ނެރެ، ޚަރަދު ކުޑަކުރުމަށް ނިންމާފައިވާ ދުވަސްވަރެއްގައި ސަރުކާރުގެ މަގާމްތަކަށް މީހުން އައްޔަންކުރުންވެސް ރައްޔިތުންނަށް ބަލައިގަނެވޭ ކަމަކަށް ނުވެއެވެ. މިއަހަރު ފެށުނު ފަހުން ތިން މަގާމަކަށް ބޭފުޅުން އައްޔަންކޮށްފައިވާއިރު، އޭގެ ތެރެއިން ދެބޭފުޅުންނަކީ ސަރކިޔުލާ އާންމުކުރި ފަހުން އައްޔަންކުރި ދެބޭފުޅުންނަވެ. އަނެކަކީ ކުރިން އެހެން މަގާމެއް ފުރުއްވަމުން ގެންދަވަނިކޮށް އެއަށްވުރެ މަތީ މަގާމަކަށް ބަދަލުކުރެވުނު ބޭފުޅެކެވެ.

މިޝަކުވާތަކާއެކު ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންގެ އުދާސްތައްވެސް ސޯޝަލް މީޑިޔާއަށް ވަނީ ބަންޑުންކޮށްލާފައެވެ. ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނަން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުން ދަނިކޮށް، މިދަނޑިވަޅުގައި މިކަމުގެ ސަބަބުން އަނެއްކާވެސް ޓީޗަރުންގެ މުސާރައަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން މަޑުޖައްސާލާނެ ކަމަށް ޓީޗަރުން ދެކެއެވެ.

ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވަނީ އިގްތިސާދަށް ލިބޭ ގެއްލުމުގެ އަސަރުތައް ފެންނަން ފަށާނީ އަދި ދެމަހެއްހާ ދުވަސް ފަހުން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އިގްތިސާދަށް ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ ވެސް ރައްޔިތުން ދަނީ ސުވާލު ކުރަމުންނެވެ. ގިނަ ބަޔަކު އަންނަނީ މިއީ އަނެއްކާވެސް އުޅަނދުތަކުގައި ސްޓިކަރ ޖަހާނެ ދުވަސްތަކެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިހާރުވެސް ރައްޔިތުން އަންނަނީ ސްޓިކަރ ޖެހުމަކީ ދައުލަތަށް އާމްދަނީ ހޯދާ އެެންމެ މުހިންމު ވަސީލަތް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބިރު ރާއްޖެއަށް ވެސް ފޯރައި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައިވާއިރު، މިއީ ރާއްޖޭގެ އިގުތިސާދަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމަށް މިއަހަރު ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރި ނަމަވެސް ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަހުގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ހިޔަނި އެޅިފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އިގުތިސާދީ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށް ނިންމައި އެކަން އިއުލާންކޮށްފައި ވީނަމަވެސް އަމަލީގޮތުން އެކަންކަން ތަންފީޒުވަމުންދާ މިންވަރާމެދު ރައްޔިތުންގެ މެދުގައި މިވަނީ ސުވާލު އުފެދިފައެވެ. މިފަދަ ދަނޑިވަޅެއްގައި ނަމަކަށް އެންގުންތައް އެންގުމުގެ ބަދަލުގައި ސަރުކާރުން ނިންމާ ނިންމުންތަކުގައި އިޚުލާސްތެރިކަން ދެއްކުމަށް ރައްޔިތުން އެދެއެވެ.