ވިލިމާލޭގެ ދެ ސަރަހައްދެއްގައި 24 ގަޑިއިރުގެ ވިޔަފާރިކުރުމުގެ ހުއްދަދީ، ވިޔަފާރި ކުރެވޭނެ ސަރަހައްދު އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވަނީ ވިލިމާލެ ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދާއި އެ ރަށު ވާރުހިނގުމުގައި ހުންނަ ވިޔަފާރިތަކަށް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިލިމާލޭގެ އެ ދެ ސަރަހައްދުގައި ސައި ހޮޓާ އަދި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދާއި ކެންޓީނާ ބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދުގެ ދަށުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ އަށް އެދެވޭނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނާގޮތުގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރާ ތަންތަނުގައި ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗެވެ. އަދި މި ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނަމަ 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

24 ގަޑިއިރު ވިޔަފާރިކުރާ ތަންތަނުން ނަމާދު ވަގުތުތކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދޭންޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރިން ބުނެފައިވެއެވެ. 24 ގަޑިއިރަށް ހުޅުވުމަށް ވިޔަފާރިތަކަށް ހުއްދަ ދޭން ފަށާފައި ވަނީ މެދުކެނޑުމަކަމަށް ފަހު މިދިޔަ އަހަރުގެ ތެރޭގަ އެވެ.