ސަރުކާރު އޮފީސްތަކުން ފޯރުކޮށްދޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ސަރުކާރުން ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ އާންމުންގެ އިތުބާރު ހޯދައި، ތަސައްވުރު ރަނގަޅުކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ސަރުކާރުން ފަށްޓަވާފައިވާކަމަށެވެ.

މިގޮތުން، މާލޭގައި ހިނގަމުންދާ ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން، އާންމުންނާ ސީދާ މުޢާމަލާތް ކޮށްގެން ޚިދުމަތްދޭ 54 ތަނެއްގެ ކައުންޓަރުތަކުން ޚިދުމަތް ދޭ ގޮތާއި، ކައުންޓަރުތަކުން ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި، ޚިދުމަތް ހޯދާ ފަރާތްތަކުން ހިތްހަމަޖެހޭ ގޮތަށް ޚިދުމަތް ނުދެވޭ މައިގަނޑު ސަބަބުތައް ދެނެގަނެ، އެ ތަންތަނުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް ބެލުމަށްޓަކައި، ރައީސުލްޖުހޫރިއްޔާގެ އޮފީހުން ފުރަތަމަ ފަހަރަށް ވަނީ ސްޕޮޓް އޮޑިޓެއް ކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެ އޮޑިޓުން، އޮފީސްތަކުގެ ކައުންޓަރ ސަރވިސް ޒަމާނީ އުސޫލުތަކާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރެވެން ހުރި ވަރަށް ގިނަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ އޮޑިޓުން ފާހަގަކުރެވުނު ކަންތައްތަކާއި، އޮފީސްތަކުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ތަފްސީލު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ މިހާރު ވަނީ ހިއްސާކުރައްވައި މެންބަރުންގެ ޚިޔާލު ހޯއްދަވާފަކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އަދި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، މި ކަމާބެހޭ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ކުރައްވަންޖެހޭ ކަންކަން މިހާރު ކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.