ބައިނަލްއަގުވާމީގޮތުން ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 13 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ރޭޑިއޯ ދުވަހުގެ ގޮތުގައެވެ.

ރޭޑިއޯއަކީ ބްރޯޑްކާސްޓިންގައި ނުވަތަ އެއްތަނުން އަނެއްތަނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ގިނަދުވަސްވީ، އަދި މިހާރުވެސް ދުނިޔޭގެ ފެންވަރުގައި ގިނަ ބަޔަކު މައުލޫމާތު ހޯދުމަށް ބޭނުންކުރާ ވަސީލަތަކެވެ. މީލާދީން 1800ގެ ފަހުގެ އަހަރުތަކުގައި ރޭޑިއޯ ސިގްނަލް މެދުވެރިކޮށް ތަފާތު މެސެޖްތައް އެއްތަނުން އަނެއްތަނަށް ފޮނުވުމާއި ރޭޑިއޯ އުފެއްދުމުގެ ތަފާތު މަސައްކަތްތައް ބައެއް ގައުމުތަކުގައި ދިޔައީ ތަޖުރިބާ ކުރަމުންނެވެ. އޭގެ ފަހުން 1900ގެ ކުރީކޮޅު ރޭޑިއޯ އީޖާދުކުރެވި ފުރަތަމަ ފަހަރަށް ކޮމާރޝަލް ރޭޑިއޯ ދުނިޔޭގައި ތައާރަފްވެގެންދިޔައެވެ.

ރޭޑިއޯގެ ޚިދުމަތް ދުނިޔޭގައި ދޭންފެށިތާ ގަރުނަކަށްވުރެވެސް ގިނަ ދުވަސްވީފަހުން، ބައިނަލްއަގްވާމީގޮތުން ރޭޑިއޯ ދުވަހެއް ފާހަގަކުރަން ފެށީ 2012 ވަނަ އަހަރުއެވެ. ޔުނެސްކޯއިން ދުނިޔޭގެ ރޭޑިއޯ ދުވަސް ފާހަގަކުރަން ފެށުމުގެ މައިގަނޑު މަގްސަދަކީ، މައުލޫމާތު ފަތުރާ މީޑިއަމެއްގެ ގޮތުން، ރޭޑިއޯއަކީ، މިހާތަނަށްވެސް އެންމެ މީހުން ބަލައިގަންނަ ގިނަދުވަސްވީ ވަސީލަތަށް ވުމާއެކު މި ވަސީލަތް ބޭނުންކޮށްގެން ބްރޯޑްކާސްޓަރުންގެ މެދުގައި ދުނިޔޭގެ ފެންވަރުގައި އެއް އަމާޒަކަށް ގުޅިގެން މަސައްކަތް ކުރުމެވެ. އެގޮތުން މައުލޫމާތު ފެތުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިތުރަށް ޖިންސުގެ ތަފާތުކުރުންތައް ނައްތާލުމަށް މުޅި ދުނިޔޭގައި އަޑުފެތުރުމެވެ. މިކަން ހާސިލުކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ރޭޑިއޯ ޖަމްއިއްޔާތަކާއި، ރޭޑިއޯ ޗެނަލްތައް މެދުވެރިކޮށް ޔުނެސްކޯއިން ކޮންމެ އަހަރަކުވެސް ތަފާތު ހަރަކާތްތަކެއް ހިންގައެވެ.

މިއަހަރުގެ ބައިނަލްއަގްވާމީ ރޭޑިއޯ ދުވަހަށް ޔުނެސްކޯއިން ކަނަޑައަޅާފައިވާ ޝިއާރަކީ "ރޭޑިއޯ އެންޑް ޑައިވާސިޓީ" އެވެ. ދުނިޔޭގެ ރޭޑިއޯ ދުވަހާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިރޭސް ދެއްވި ޚާއްސަ ބަސްދީގަތުމުގައި ވިދާޅުވީ ރޭޑިއޯއަކީ ހުރިހާ މުޖުތަމައަކަށްވެސް ފެތޭ އަދި އެހާމެ ބޭނުންތެރި މައުލޫމާތުތައް ފޯރުކޮށްދޭ ވަސީލަތެއް ކަމަށެވެ. ރައްޔިތުން ބާރުވެރި ބަޔަކަށް ހެދުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަށް މީހުން އަހުލުވެރިކުރުމަށާއި އެކަމުގެ މައުލޫމާތު އާންމު ރައްޔިތުންނަށް ފޯރުވައިދިނުމުގައި އެންމެ އިސްދައުރެއް އަދާކުރާ ވަސީލަތަކީ ރޭޑިއޯ ކަމަށް އެންޓޯނިއޯ ވިދާޅުވިއެވެ.

https://www.youtube.com/watch?v=JjiZVpyFJ1Y

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ރޭޑިއޯގެ ޚިދުމަތް ދޭންފެށީ 1962 ވަނަ އަހަރުއެވެ. އެއަހަރު ރާއްޖޭގައި ގާއިމްކުރެވުނު ފުރަތަމަ ރޭޑިއޯ ސްޓޭޝަނުން، ފުރަތަމަ ފޮނުވި ޓްރާންސްމިޝަންގެ ދިގުމިނަކީ 4 މިނެޓާއި ދެ ސިކުންތެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ރޭޑިއޯ ޗެނަލް ދިވެހިރާއްޖޭގެ އަޑަށް މިހާރު ވަނީ 58 އަހަރު ފުރިފައެވެ.

1962 ވަނަ އަހަރު ރާއްޖޭގައި ފެށި ރޭޑިއޯގެ ޚިދުމަތް ފުޅާވެ އަމިއްލަ ފަރާތްތަކަށް ރޭޑިއޯ ޗެނަލް ހިންގުމަށް ސަރުކާރުން ހުއްދަ ދޭން ފެށީ 2008 ވަނަ އަހަރުއެވެ. އެހުއްދަޔާއެކު ރާއްޖޭގައި 11 ރޭޑިއޯ ޗެނަލް އޮޕަރޭޓް ކުރަން ފެށިއެވެ. ނަމަވެސް ތަފާތު އެކިއެކި ސަބަބުތަކާ ގުޅިގެން ގިނަ ޗެނަލްތައް ވަނީ ބަންދުކޮށްފައެވެ. ރޭޑިއޯ ޗެނަލްތައް ހިންގި ގިނަ ބަޔަކު ބުނަނީ އަމިއްލަ ފަރާތްތަކުން ރޭޑިއޯ ހިންގުމަށް ހޭދަކޮށްދޭނެ މީހުން ނެތް ކަމަށެވެ. ރޭޑިއޯއަކީ ނުފޫޒުގަދަ ވަސީލަތަކަށްވުމާއެކު އެކި ފަންތީގެ މެދުގައި އަދި އެކި އުމުރުފުރައިގެ މެދުގައި ރޭޑިއޯގެ މަގުބޫލުކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ރާއްޖޭގައި ވަކިން ޚާއްސަަކޮށް އުމުރުން ދޮށީ މީހުންނާއި ލޯފަން ކުދިންގެ މެދުގައި ރޭޑިއޯގެ މަގުބޫލުކަން ބޮޑެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގާ ކަންކަމުގެ އެންމެ ތާޒާ މައުލޫމާތު ހޯދުމުގައި ރޭޑިއޯ އިސް ދައުރެއް އަދާކުރާއިރު ދިވެހިރާއްޖޭގެ ބައެއް ސަރަހަދުތަކަށް އަދިވެސް ރޭޑިއޯގެ ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ވެސް ރޭޑިއޯ އެހުންތެރިން ކުރެއެވެ. ދިގު މާޒީއެއް އޮތް ރޭޑިއޯގެ ޚިދުމަތާ ދޭތެރޭ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ނުހަނު ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލް މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ލިބޭނެ ކަމަށް އެ ސްޓޭޝަނުން މައުލޫމާތު ދެއެވެ.