މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ އއު ސީޕްލޭން ޓާމިނަލް ކުއްްޔަށް ދޫކުރުމުގައި ވަކި ބަޔަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އާ ސީޕްލޭން ޓާމިނަލް ހިންގުން ހަވާލު ކުރުމަށް ނިންމާފައި ވަނީ ދައުލަތަށް ގެއްލުން ލިބޭ ގޮތަށް ވަކި ބައެއްގެ ފައިދާއަށް ކަމަށް ބުނާ މައްސަލައާ ގުޅިގެން އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް އިން އަކަމީޓަރެއް 10.35 ޑޮލަރަށް ކުއްޔަށް ދޫކުރަން 28 ނޮވެމްބަރު 2017 ގައި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގެ ބައްދަލްވުމެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގައި މިހާރު ސީޕްލޭން އޮޕަރޭޓް ކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނިކަމަށްވާ ޓީއެމްއޭ އާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާއި އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަކުރެވިފައިވާއިރު، އެމްއޭސީއެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ފަރާތްތަކުގެ މަސްލަހަތު އެކުންފުނިތަކުގައި އޮންނަކަން އޭސީސީއަށް ފަހަގަކުރެވިފައިވާ ކަމަށެވެ. އަދި އެފަރާތްތަކާއި އެކު އެމްއޭސީއެލްއިން ހަދާ އެގްރިމެންޓުތަކުގައި އެ ފަރާތްތަކުގެ މަސްލަހަތު ފުށު އާރާކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްއިން 2017 އަދި 2018 ގައި ރިސޯޓްތަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވާ އެންމެބޮޑު އަގަކީ އަކަމީޓަރަކަށް މަހަކަށް 314.57 އެމެރިކާ ޑޮލަރަށް ކަމަށާ އަދި އެންމެ ކުޑަ އަގުގައި އެމްއޭސީއެލްއިން ރިސޯޓަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވަނީ 174.92 ޑޮލަރުގެ ރޭޓުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ސީޕްލޭން އޮޕަރޭޓަރުންނަށް ލައުންޖް ހަދަން މިހާރު ކުއްޔަށް ދޭން މަޝްވަރާކޮށްފައިވަނީ އަކަމީޓަރަކަށް 10.35 އެމެރިކާ ޑޮލަރުގެ ރޭޓުން ކަމަށެވެ. މިއީ އެމްއޭސީއެލްއިން ވީއައިއޭގައި ހުރި އެހެން އިމާރާތްތަކުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ. އަދި މިރޭޓްތަކަށް ރިއާޔަތްކުރާއިރު، އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލް ކުއްޔަށް ދެވިދާނެކަމަށް ބެލެވޭ އެންމެ ކުޑަ އަގަކީ މަހަކަށް އަކަފޫޓެއް 174.92 އެމެރިކާ ޑޮލަރު ކަމަށެވެ. މިއަގަށް ދީފިނަމަ ރެވެނިއުގެ ގޮތުގައި 31،659،820.32 އެމެރިކާ ޑޮލަރު ލިބޭނެ ކަމަށެވެ. އަދި ކުއްޔަށް ދެވިދާނެކަމަށް އެމްއޭސީއެލް އިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަގު ކަމަށްވާ އަކަ މީޓަރަކަށް 314.57 އެމެރިކާ ޑޮލަރުގެ ރޭޓުތަކުން ޖާގަ ކުއްޔަށް ދީފިނަމަ، 56،935،911.72 އެމެރިކާ ޑޮލަރާ ދެމެދުގެ އަގެއް ރެވެނިއުގެ ގޮތުގައި ލިބޭނެކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.

އޭސީސީން ބުނީ މިހާރު ޖާގަ ކުއްޔަށް ދޭން މަޝްވަރާކޮށްފައި ވަނީ އަކަ މީޓަރަކަށް 10.35 އެމެރިކާ ޑޮލަރުގެ ރޭޓުން ކަމަށާ އެންމެ ކުޑަ އަގު އަކަމީޓަރަކަށް މަހަކަށް 174.92 ޑޮލަރުގެ ރޭޓާ އަޅާކިޔާފިނަމަ، އަހަރަކު 29,786,511.72 (ނަވާވީސް މިލިއަން ހަތްސަތޭކަ އަށްޑިހަ ހަހާސް ފަސްސަތޭކަ އެގާރަ ޑޮލަރު ހަތްދިހަ ދެ ސެންޓް) ގެ ގެއްލުން އެމްއޭސީއެލް އަށް ލިބޭނެކަމަށް ބެލެވޭ ކަމަށެވެ. އަދި އެންމެ ބޮޑު އަގު އަކަމީޓަރަކަށް މަހަކަށް 314.57 ޑޮރަލުގެ ރޭޓާއި އަޅާކިޔާއިރު، އެމްއޭސީއެލް އިން އަކަމީޓަރަކަށް މަހަކަށް 10.35 އެމެރިކާ ޑޮލަރުގެ ރޭޓުން ކުއްޔަށް ދީފިކަމުގައިވާނަމަ، އަހަރަކު 55,062,603.12 (ފަންސާސްފަސް މިލިއަން ފަސްދޮޅަސްދެ ހާސް ހަސަތޭކަ ތިން ޑޮލަރު ބާރަ ސެންޓް) ގެ ގެއްލުން އެމްއޭސީއެލް އަށް ލިބޭނެކަމަށް ބެލެވޭ ކަމަށްވެސް އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ، އެންމެ ބޮޑު އަގުގެ ރޭޓް (314.57 ޑޮލަރު) އާ އަޅާކިޔާއިރު، 15 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 825,939,047 (އަށްސަތޭކަ ފަންސަވީސް މިލިއަން ނުވަސަތޭކަ ތިރީސް ނުވަހާސް ސާޅިސް ހަތް ޑޮލަރު) ގެ ގެއްލުން އެމްއޭސީއެލް އަށް ލިބޭނެކަމަށާ އަދި އެންމެ ކުޑަ އަގުގެ ރޭޓާ އަޅާކިޔާއިރު، 15 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 446,797,676 (ހަތަރުސަތޭކަ ސާޅީސްހަ މިލިއަން ހަތްސަތޭކަ ނުވަދިހަ ހަތްހާސް ހަސަތޭކަ ހަތްދިހަ ހަ ޑޮލަރު) ގެ ގެއްލުން އެމްއޭސީއެލް އަށް ލިބޭނެކަމަށް ބެލެވޭ ކަމަށް ވެސް އޭސީސީގެ ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

އޭސީސީން ބުނީ އެމްއޭސީއެލްއިން އާ ސީޕްލޭން ޓާމިނަލް އޮޕަރޭޓްކުރުމާ ގުޅޭގޮތުން ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކާ މަޝްވަރާކޮށްފައި ވީނަމަވެސް، އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު އަދި ސޮއިކޮށްފައި ނުވާކަމަށެވެ.

އޭސީސީން ބުނީ އައު ސީޕްލޭން ޓާމިނަލްއާ ގުޅިގެން ބިނާކުރާ އެމްއާރްއޯ ފެސިލިޓީއަކީ، 12,746 އަކަމީޓަރުގެ ބޮޑުމިނުގެ ފެސިލިޓީއެއް ކަމަށާ އެއީ ސީ ޕްލޭން ޓާމިނަލް ޕްރޮޖެކްޓްގެ ދަށުން ގާއިމްކުރާ ހަމައެކަނި އެމްއާރްއޯ ފެސިލިޓީއަށް ވާއިރު އެއީ 5.4 މިލިއަން ޑޮލަރަށް ކޮންޓްރެކްޓްކޮށްގެން ގާއިމުކުރާ ތަނެއް ކަމަށެވެ. އަދި އައު ސީޕްލޭން ޓާމިނަލްއަކީ މަލްޓި-އޮޕަރޭޓަރުންނަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ތަނަކަށް ވާއިރު، އެމްއޭ-ސީއެލް އިން ދުނިޔޭގެ ފެންވަރުގައި އެމްއާރްއޯ ފެސިލިޓީއެއް ގާއިމުކޮށް، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ކުޑަ ރޭޓުގައި ވަކިފަރާތަކަށް ދީފިނަމަ، އެމްއޭސީއެލްއަށް ލިބެން އޮތް ފައިދާއަށް އުނިކަމެއް އަންނާނެކަމަށް އޭސީސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.