ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ހުކުރުދުވަހު ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވެފައިވާ ކަމަށާއި ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ 3 ދާއިރާއެއްގައި ކަމަށް އެޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ޕްރައިމަރީ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު އެކަމާގުޅޭ އެންމެފަހުގެ މައުލޫމާތު ވީނިއުސްއަށް ދެއްވަމުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ލިބުނު ފޯމުތަކަށް ބަލާއިރު 30 އަށްވުރެ ގިނަ ދާއިރާގައި ޕްރައިމަރީ ބާއްވަންޖެހޭނެ ކަމަށް އަންދާޒާ ކުރެވުނު ކަމަށެވެ. ނަމަވެސް ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ މެދުގައި ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ޕްރައިމަރީ ބާއްވަން ޖެހުނީ 3 ދާއިރާއެއްގައި ކަމަށެވެ. އެއީ މާލެ ސިޓީއާއި މާމިގިއްޔާއި ފެންފުށި ކަމަށެވެ. އެހެން ދާއިރާތަކުން ވެސް ބޭނުންވާ އަދަދަށް މީހުން ކުރިމަތިލާފައިވާ ކަމަށް ވިދާޅުވިއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ތައްޔާރުވުމުގެ ކަންކަން ރާވާ ބެލެހެއްޓުމަށް ވަނީ އިންތިޚާބީ ކޮމިޓީއެއް އެކުލަވާލާފައެވެ. އެ ކޮމެޓީގެ ރައީސް، ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވީ ޕްރައިމަރީއާއި ހަމައަށް އާދެވުނުއިރު ކުރަންޖެހޭ ހުރިހާ މަސައްކަތްތައް މިހާރު ކޮށް ނިންމާފައިވާ ކަމަށެވެ.

އަޅުގަނޑުމެން ޕްރައިމަރީ މާދަމާ ބާއްވާ އިރު ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދާނީ މާދަމާ މެންދުރު ފަހު 14:30 އިން ފެށިގެން އިރުއޮއްސި 18:00 އާ ހަމައަށް. އެހެންވީމަ އަޅުގަނޑުމެން އިންތިހާބީ ދާއިރާތަކުގެ ވޯޓު ލުމުގެ ކަންތައްތައް ކުރިއަށްދާނީ މިދެންނެވި ގަޑީގަ. 18:00 އާ ހަމައަށް ކިޔުގައި ޖެހިވަޑައިގެން ތިއްބަވާ ފަރާތްތަކަށް ކިޔު ތަރުތީބުން ކިޔު ލައިން ނިމެންދެން ވޯޓު ދެވޭނެ. އަދި ވޯޓު ގުނާނީ ވޯޓުލާ ނިމުމަށްފަހު 30 މިނެޓް ފަހުން.
ޔާމީން

ޝަކުވާ ހުށަހެޅުމަށްޓަކައި ބިއުރޯއެއް ގާއިމްކޮށްފައިވާކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ބިއުރޯ މެދުވެރިކޮށް އިންތިހާބީ ޝަކުވާތައް އިންސާފުވެރިކަމާއެކު ބެލޭނެ ކަމަށެވެ. އެގޮތުން މާމިގިއްޔާއި އަދި ފެންފުށީގައި ޕާޓީގެ އޮފީހުގެ ފަރާތުން ބޭފުޅުން ތިއްބަވާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އަދި މައިތަނެއްގެ ގޮތުގައި ބިއުރޯ ގާއިމްވެފައި ހުންނާނީ ކުނޫޒުގައި ކަމަށާއި އެހެންނަމަވެސް އެހެން ރަށްރަށުގައިވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. ފެންފުށި އަދި މާމިގިލީގައި ވޯޓުލުމުގެ ހުރިހާ ކަންތައްތަކެއް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާނީ މާލެއިން ދާ ޓީމެއް ކަމަށާއި މިރޭގެ ވަގުތެއްގައި ވޯޓުފޮށްޓާއި އަދި ވޯޓުކަރުދާސް ހިފައިގެން ޓީމުތައް ރަށްރަށަށް ދާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

އަދި އެހެން ޕާޓީތަކާއި ޚިލާފަށް ޖޭޕީން މިފަހަރު ބާއްވާ އިންތިހާބުގައި ވޯޓުކަރުދާހުގެ ސެކިއުރިޓީ ވަރަށް ވަރުގަދަވާނެ ކަމަށާއި މި އިންތިހާބުގައި 3 ގޮތަކަށް ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން 3 ވޯޓުކަރުދާހެއް އޮންނާނެކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ރަށު ކައުންސިލް ރައީސްގެ ހޮވުމުގެ ވޯޓު ކަރުދާސްކޮޅާއި، ރަށު ކައުންސިލްގެ މެމްބަރުން ހޮވުމުގެ ވޯޓު ކަރުދާސްކޮޅުގެ އިތުރަށް ރަށު ކައުންސިލްގެ އަންހެން މެމްބަރު ހޮވުމުގެ ވޯޓު ކަރުދާސްކޮޅު އޮންނާނެ ކަމަށެވެ.

އަދި އަތޮޅު ކައުންސިލްގެ ރައީސް ހޮވުމުގައި ޕްރައިމަރީއަކަށް ނުދާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އަދި އެ 3 ވޯޓު ކަރުދާސްކޮޅު އޮންނާނީ ފާހަގަވާނެ ގޮތަށް 3 ކުލައަކުން ކަމަށާއި ވޯޓުކަރުދާހުގައި ރަނގަޅު ފާހަގަޖަހަން އޮންނަ ގޮޅީގައި ހެޔޮ ފާހަގަ ޖެހުމުގައި ވޯޓުލާ ފަރާތްތަކުން ސަމާލުވުމަށްވެސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ. ވޯޓުން ހޮވަންޖެހޭ އަދަދަށްވުރެ ގިނައިން ވޯޓު ކަރުދާހުގައި ހެޔޮ ފާހަގަ ޖަހައިފިނަމަ ވޮޓު ކަރުދާސްކޮޅު ބާތިލްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.