"ކޮވިޑް-19" ނުވަތަ ކުރިން ކިޔާ ނަމުންނަމަ ކޮރޯނާވައިރަސްގައި ޗައިނާއިން ބުރަސްފަތި ދުވަހު މަރުވި މީހުންނާއި، ވައިރަސްއަށް ޕޮޒިޓިވްވި ކަމަށް ރިޕޯޓްކުރި މީހުންގެ އަދަދު ކުއްލިއަކަށް އާދަޔާ ޚިލާފަށް މައްޗަށް ދިއުމާ ގުޅިގެން ކަންބޮޑުވުންތައް އުފެދިއްޖެއެވެ.

ޗައިނާގައި ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ހޫބޭ ޕްރޮވިންސުން މިއަދު އެކަނިވެސް 242 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. ހަމަ އެއާއެކު، ވައިރަސްއަށް 14،840 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

މިއީ، ޗައިނާގައި ވައިރަސް ފެތުރޭން ފެށިގެން އެއްދުވަހެއްގައި އެންމެ ގިނަމީހުން މަރުވި ކަމަށް އަދި އެންމެ ގިނަމީހުން ޕޮޒިޓިވްވި ކަމަށް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.

މިއަދަދު ތަކާއެކު "ކޮވިޑް-19" ވައިރަސްގައި ޗައިނާގެ އެކި ހިސާބުތަކުން މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 1،355 އަށް އަރާފައެވެ. އަދި ވައިރަސްއަށް ޕޮޒިޓިވް މީހުންގެ އަދަދުވެސް ވަނީ ފަސްދޮޅަސް ހާހާ ގާތްކޮށްފައެވެ.

ނުރައްކާތެރި ވައިރަސްގައި މަރުވި މީހުންނާއި، ޕޮޒިޓިވްވި މީހުންގެ އަދަދުތައް ކުއްލިއަކަށް އިތުރުވެންދިޔައީ، ތަފާސްހިސާބުތައް ވަޒަންކުރާ މިންގަނޑަށް ޗައިނާ ސަރުކާރުން ގެނައި ބަދަލަކާ ގުޅިގެން ކަމަށް ވެއެވެ. އެގޮތުން، މީހުން މަރުވި ކަމަށް ބެލެވޭ ސަބަބާއި، ވައިރަސްއަށް ޕޮޒިޓިވްވި ކަމަށް ބަލާ އުސޫލަށް މިހާރުވަނީ ބަދަލު ގެނެސްފައެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ، އާ އުސޫލުގެދަށުން ކުރިން މަރުވެފައިވާ ބައެއް މީހުންނާއި، ބަލިހުރި ކަމަށް ބެލެވޭ މީހުންގެ އަދަދުތައް މިއަދުގެ ތަފާސްހިސާބުގެ ތެރެއަށް ލުމުން އަދަދުތައް ކުއްލިއަކަށް އިތުރުވެގެންދިޔައީ ކަމަށެވެ.

އެހެން ނަމަވެސް، އެއްދުވަހެއްގައި މަރުވި މީހުންނާއި ޕޮޒިޓިވްވި މީހުންގެ އަދަދުތައް މާބޮޑަށް އިތުރުވެގެން ދިއުމުން، މިހާތަނަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރަމުންދިޔައީ ރަނގަޅު ނޫން މައުލޫމާތުކަމުގެ ބިރު އާންމުންގެ މެދުގައި ފެތުރިގެން ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން، ހޫބޭ ޕްރޮވިންސްގައި ފެތުރެމުންދާ ބަލިމަޑުކަމުގެ ކަންކަން ބަހަލައްޓަން ސަރުކާރުން ލާފައި ތިބި އެންމެ އިސް ދެ އޮފިޝަލުން ކުއްލިގޮތަކަށް މަގާމުން ވަކިކުރުމާ ގުޅިގެންވެސް އެތައް ސުވާލުތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ އެދެ އޮފިޝަލުން މަގާމުން ވަކިކުރީ ކީއްވެގެން ކަމެއް ޗައިނާ ސަރުކާރުން ހާމައެއް ނުކުރެއެވެ.

ޗައިނާ ސަރުކާރުން މިދިޔަ ހަފްތާގައިވަނީ، ހޫބޭ އަދި ވުހާންގެ ސިއްހަތާބެހޭ އެންމެ އިސް ދެ އޮފިޝަލުން މަގާމުން ވަކިކޮށްފައެވެ.

އަނެއްކޮޅުން، ހޫބޭ ޕްރޮވިންސްގެ ހާލަތު ބަލަން އެންމެ އިސް ދެ އޮފިޝަލުން މިއަދު މަގާމުން ވަކިކުރެވުނީ، ވައިރަސްއާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި "ރަނގަޅު ނަތީޖާއެއް" ފެންނަމުންދާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވިތާ މާގިނައިރެއް ނުވަނީހެވެ.

އެހެން ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ހެލްތު އިމަޖެންސީސް ޕްރޮގްރާމްގެ ވެރިޔާ މައިކަލް ރަޔާން ވިދާޅުވީ، ވައިރަސްގެ ފެތުރުގެ ކުރީކޮޅު، ނުވަތަ މެދުތެރެ ނުވަތަ މިކަން މި ނިމެނީކަމަށް ލަފާކުރަން އަދި މާ އަވަސް ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނަނީ، ހޫބޭ އަދި ވުހާންގެ ކަންކަން ބަލަހައްޓަން ތިއްބަވާ އެންމެ އިސް ދެ އޮފިޝަލުން މަގާމުން ވަކިކުރެވުނީ، ވައިރަސްގެ ހަގީގީ ހާލަތު ސިއްރުކުރާ މައްސަލާގައި ރައީސް ޝީ ޖިންޕިން އެކަމާ ހިތްޕުޅާ ނުވެގެން ކަމަށެވެ. ރައީސް ބޭނުންފުޅުވަނީ ބަލީގެ ހާލަތު ވީހާވެސް އެތެރެފެންނަ ގޮތެއްގައި އޮތުން ކަމަށްވެސް ބުނެއެވެ.

މިދިޔަމަހު ޗައިނާގެ މެދުތެރޭ ހޫބޭ ޕްރޮވިންސްގެ ވެރިރަށް ވުހާން ސިޓީން ފެތުރޭންފެށި މި ވައިރަސް ޗައިނާއިން ބޭރުގެ ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށްވެސް ފެތުރިފައި ވެއެވެ. އާންމުންގެ މެދުގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެގޮތުން ދުނިޔޭގެ އެތައް ގައުމަކުންވަނީ ޗައިނާއިން އަންނަ ދަތުރުވެރިންނަށް އެގައުމުތަކުގެ ދޮރުތައް ބަންދުކޮށްފައެވެ.

ޗައިނާއިންވެސް ވަނީ، ވައިރަސް ފެތުރެމުންދާ އެތައް ސިޓީއެއް، އާންމުންނަށް ބޭރަށް ނުދެވޭހެން ބަންދުކޮށް، ކަރަންޓީނު ކޮށްފައެވެ.