އެސްޓީއޯއިން ވިއްކާ ޑީސަލް ލީޓަރެއްގެ އަގުން 30 ލާރި މިއަދުން ފެށިގެން ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ޑީސަލްގެ އަގަށް މިގެނައި ބަދަލާއެކު އެސްޓީއޯގެ ޑީސަލް ވިއްކާ ހުރިހާ ތަނަކުންވެސް ޑީސަލް ލީޓަރެއް 10.89ރ އަށް ވިއްކާނެ ކަމަށެވެ.

މިއީ މިއަހަރުގެ ތެރޭގައި އެސްޓީއޯއިން ޑީސަލްގެ އަގަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ބަދަލު ގެނެސްފައިވެއެވެ.

އެސްޓީއޯއިން ބުނީ، ސައޫދީ އަރަބިއްޔާގައި ތެޔޮ އުފައްދާ މަރުކަޒަށް މިދިޔަ އަހަރު ދިން ހަމަލާއާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލެއް ނުގެނެސް އެކުންފުނިން އެއްވަރެއްގައި ހިފަހައްޓާފައިވާނެ ކަަމަށެވެ.

އެސްޓިއޯގެ ސިއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއާ ހަވާލާދީ، އެކުންފުނިން ބުނީ ތެލުގެ ބާވަތްތައް ހެޔޮ އަގެއްގައި، މެދުކެނޑުމެއް ނެތި ރާއްޖޭގެ ބާޒާރުން ފޯރުކޮށްދިނުމަކީ އެކުންފުނީގެ މައިގަނޑު އަމާޒު ކަމަށެވެ.

އެސްޓިއޯއިން ވިއްކާ ޕެޓްރޯލްގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހުއެވެ.

އެސްޓީއޯއިން ބުނާ ގޮތުގައި އެސްޓީއޯއިން ތެލުގެ އަގަށް މިގެނައި ބަދަލާއެކު އެސްޓީއޯގެ ތެޔޮ ވިއްކާ ހުރިހާ ތަނަކުންވެސް ތެލުގެ އަގު ހެޔޮވާނެ ކަމަށެވެ.

އެހެންމަވެސް މާލެ ނޫން ބައެއް ސަރަހައްދުތަކުގައި އެސްޓީއޯއިން ކަނޑައަޅާ އަގަށް ތެލުގެ އަގު ދަށް ނުކުރާކަމީ ގިނަބަޔަކު ކުރާ ޝަކުވާއެކެވެ.