އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭނާ ދެކޮޅު ހެދުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދގެ ސަލާމަތީ މަޖިލީހަށް ގޮވާލައްވައިފިއެވެ.

މަހްމޫދު އައްބާސް ވިދާޅުވީ، ޓްރަމްޕްގެ ޕްލޭނުގައިވަނީ ފަލަސްތީނުގެ ބިންތައް ފޭރިގަތުމަށް ކަމަށާއި، އެ ޕްލޭންގެ ސަބަބުން މެދުއިރުމަތީގެ މައްސަލައަށް ދާއިމީ ސުލްހައެއް ނުލިބޭނޭ ކަމަށެވެ.

ފަލަސްތީނުގެ ރައީސް ވިދާޅުވީ، އެމެރިކާގެ ރައީސްގެ ޕްލޭނުގައި އުފެއްދުމަށް ހުށަހަޅާފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތަކީ ފަލަސްތީނުގެ އަމިއްލަ ބިމުގެ "އެތިއެތިކޮޅުގެ މައްޗަށް" ހިމެނޭ ދައުލަތެއް ކަމަށެވެ.

ޓްރަމްޕް ހުށަހަޅާ ފަލަސްތީނުގެ މިނިވަން ދައުލަތުގައި، އެދައުލަތުގެ ވައިގެ ސަރަހައްދާއި، ކަނޑުގެ ސަރަހައްދުގެ އިތުރުން އިރުމަތީ ގުދުސްގެ މައްޗަށް ފަލަސްތީނަށް އެއްވެސް ކޮންޓްރޯލެއް ހުށަހަޅާފައި ނުވާކަމަށް އައްބާސް ވިދާޅުވިއެވެ.

"އެކަހަލަ ދައުލަތެއް ގަބޫލުކުރާނީ ކާކު؟ އަޅުގަނޑު ޓްރަމްޕަށް ދަންނަވާލަން ބޭނުންވަނީ، އޭނާގެ ޕްލޭނުން ސަލާމަތެއް އަދި ސުލްހައެއްވެސް ހާސިލް ނުވާނެއޭ. އޭގެ ސަބަބުން ފަލަސްތީނު ރައްޔިތުންގެ ހުރިހާ ހައްގުތަކެއް ނެތިގެންދެޔޭ، ދެދައުލަތުގެ ހައްލު ހާސިލް ވެގެނެއް ނުދެޔޭ"
މަހްމޫދު އައްބާސް

އައްބާސްވަނީ، ޓްރަމްޕްގެ ޕްލޭންގެ ސަބަބުން އިސްރާއީލުން ފަލަސްތީނުގައި ނަސްލީ އިމްތިޔާޒުގެ ހާލަތެއް ގާއިމްކުރާނޭ ކަމުގެ އިންޒާރު ދެއްވާފައެވެ.

އައްބާސް ވިދާޅުވީ، ގަދަބާރުން ގާއިމްކުރާ ސުލްހައެއް ދެމި ނޯންނާނޭ ކަމަށެވެ.

ފަލަސްތީނުން މިހާރު ދަނީ، ޓްރަމްޕް އިޢްލާން ކުރެއްވި މެދުއިރުމަތީގެ ސުލްހައިގެ ޕްލޭނާ ދެކޮޅަށް، ބައިނަލްއަގްވާމީ މުޖުތަމައުގެ ތާއީދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޓްރަމްޕްގެ ޕްލޭނާ ދެކޮޅަށް ފަލަސްތީނުން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް ވޯޓް އަހަން އެދުމަށްފަހު، ފަލަސްތީނުންވަނީ އެކަން މިވަގުތަށް އަނބުރާ ގެންގޮސްފައެވެ.

ގަރާރަށް ވޯޓަށް އެހުމުގެ މައްސަލަ ފަލަސްތީނުން އަނބުރާ ގެންދިޔައީ، ސަލާމަތީ މަޖިލީހުގައި ހިމެނޭ ގައުމުތަކާ ދެކޮޅަށް މާލީގޮތުން ދަތިކުރާނޭ ކަމުގެ އިންޒާރުތައް އެމެރިކާއިން ދޭން ފެށުމުން އެކަމުގައި ގައުމުތައް ފަސްޖެހުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕް ހުށަހަޅުއްވާފައިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމްކުރަން ވިސްނާފައިވާ ސަރަހައްދުތަކުގައި އިސްރާއީލުން ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ހަތަރު އަހަރު ދުވަހަށް ގަނޑުކުރުމަށެވެ. އެއީ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް މަސްރަހް ތަންދޭތޯބެލުމަށެވެ. ހަމާސްއަށް ނޫނެކޭ ބުނުމަށް ޓްރަމްޕްވަނީ ފަލަސްތީނު ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ހަމަ އެއާއެކު، ގުދުސް އިސްރާއީލުން ވަކި ނުކުރެވޭނޭ ކަމަށާއި، ގުދުސް އޮންނާނީ އިސްރާއީލުގެ ބައެއްގެގޮތުގައި ކަމަށްވެސް ޓްރަމްޕް ހުށަހަޅުއްވާފައި ވެއެވެ. އަދި ހުޅަނގު އައްސޭރީގައި އިސްރާއީލުން ގަވާއިދާ ޚިލާފަށް ޔަހޫދީ އާބާދީތައް ހަދާފައިވާ ހުރިހާ ބިންތައް އިސްރާއީލަށް މިލްކުކޮށްދީފައި ވެއެވެ.