ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ހެކިބަސް ނެގުމުގައި ދަތިތަކެއް ދިމާވެ ހެކިބަސް ނެގުން ފަސްކޮށްފިއެވެ.

ލިޓަސް ސާވިސް ސެންޓަރ ތެރޭގައި އަނަސް މަރާލާފައި ވަނީ 2017 ވަނަ އަހަރު ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ހަމަލާ ދިނުމަށް ބަޔަކު އަނަސްއަށް ފާރަލާން ފެށުމުން، ސަލާމަތްވުމަށް ދުވެފައި ގޮސް އޭނާ އެތަނަށް ވަދެ ހުއްޓައެވެ. އޭނާ މަރާލާފައި ވަނީ ގައިގެ 31 ތަނަކަށް ވަޅި ޖެހުމަށް ފަހުއެވެ.

އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ހަތް މިހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އޭގެތެރެއިން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ ޅ. ކުރެންދޫ އަސުރުމާގޭ އަޙްމަދު ޒަޔާނާއި، މ. ދިމިޝްގު، އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާޤުގެ މައްޗަށެވެ.

އަދި ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައިވަނީ ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ، މުޙައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އަދި އަދި ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހް އަބްދުﷲގެ މައްޗަށެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމަށް ހެކިބަސްނެގުން ތާވަލުކޮށްފައި ވީއިރު މިއަދުގެ ޝަރީއަތަށް ހާޒިރުވެފައިވަނީ ސިއްރު ނޫން 4 ހެކިންގެ ތެރެއިން 2 ހެކިންނެވެ. އެއީ މިމައްސަލައިގެ ސީން އޮފް ކްރައިމް ރިޕޯޓް ތައްޔާރުކުރި އޮފިސަރާއި، ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރުންނެވެ.

އެހެންނަމަވެސް ދައުވާ ލިބޭ ފަރާތުގެ އެއް ވަކީލު ބަދަލުވެ ލިޔެކިޔުންތައް ހަމައަށް ލިބިފައި ނުވުމާގުޅިގެން މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނެގޭގޮތް ވަނީ ނުވެފައެވެ.

އައު ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ގާނޫނީ ވަކީލް އާދަމް އާސިފްއެވެ. މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލް އާދަމް އާސިފް ވިދާޅުވީ، އޭނާ ވަކީލަކަށް ހަމަޖައްސާފައި ވަނީވެސް މިއަދު ކަމަށެވެ.

ދައުވާ ލިބޭ ފަރާތްތަކުގެ ތެރެއިން، ޖުނައިހް އަބްދުﷲގެ ލިޔެކިޔުންތައް ހަމައަށް ލިބިފައި ނުވާކަން ފާހަގަކޮށް އާދަމް އާސިފް ވިދާޅުވީ ދިފާއަށް ލިޔެކިޔުންތައް ހަމައަށް ލިބިފައި ނުވާއިރު ހެކިބަސް ނެގުމަކީ ދިފާއުވުމުގެ ޙައްޤަށް އުނިކަން އަންނަ ކަމެއް ކަމަށެވެ. އަދި އެކި ދުވަހު އެކި މީހުންގެ ހެކިބަސް ނެގުމަކީވެސް ހަމަ އެފަދަ ކަމެއް ކަމަށެވެ.

ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައވިވެސް ވަކީލަށް ލިޔެކިޔުންތައް ހަމައަށް ލިބިފައި ނުވާތީ ހެކިބަސް ނެގުން ފަސްކޮށްދެއްވާފައި ވާކަން ފާހަގަކުރައްވައި ވަކީލް އާސިފް ވިދާޅުވީ، މި ޝަރީއަތުގައިވެސް އެކަން އެގޮތަށް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ހެކިންގެ ތެރެއިންވެސް ވީ އެންމެ ގިނަ ހެކިންނެއް ހާޒިރުކުރެވޭ ދުވަހެއްގައި ހެކިބަސް ނެގުން ކުރިއަށް ގެނދިޔުމަށްވެސް ވަކީލް ވަނީ އެދިވަޑައިގެންފައެވެ.

ދިފާއި ވަކީލުގެ އެދިވަޑައިގަތުމަށް، ދައުލަތުގެ ވަކީލުންވެސް ވަނީ ތާއީދު ކުރައްވާފައެވެ. އެގޮތުން ލިޔެކިޔުންތައް ހަމައަށް ލިބިފައި ނުވަނީސް ހެކިބަސް ނެގުމަކީ ދިފާއުވުމުގެ ޙައްޤަށް އުނިކަން އަންނަ ކަމެއްކަމަށް ދައުލަތުންވެސް ވަނީ ބުނެފައެވެ.

އެހެންވީމާ މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނުނަގައި ހެކިބަސް ނެގުން ފަސްކޮށްފައިވަނީ މާޗް މަހުގެ 2 ވަނަ ދުވަހަށެވެ.

މިއަދުގެ ޝަރީއަތަށް ސިއްރު ނޫން ހަތަރު ހެކިންގެ ތެރެއިން ހާޒިރުކޮށްފައިވަނީ އެންމެ 2 ހެކިންކަން ފާހަގަކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދެން ތާވަލުކޮށްފައިވާ ދުވަހަށް ހަތަރު ހެކިން ހާޒިރުކުރެވޭނެތޯ ދައުލަތާ ސުވާލު ކުރައްވާފައެވެ.

މިކަމަށް ޖަވާބުދާރީވެ ދައުލަތުގެ ވަކީލުން ބުނީ، މާޗް މަހުގެ 2 ވަނަ ދުވަހަށް 4 ހެކިންވެސް ހާޒިރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެހެންނަމަވެސް މީގެތެރެއިން ބައެއް ހެކިންނަކީ މިވަގުތު ގައުމުގައި ނޫޅޭ މީހުންކަން ވަކީލުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އަނަސްގެ މަރުގެ ރިޕޯޓު ތައްޔާރުކުރި ޑޮކްޓަރަކީ މިވަގުތު ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރެއް ނޫންކަން ފާހަގަކުރައްވައި ވަކީލް ވަނީ އޭޑީކޭގެ ލަފާގެމަތިން ހެކީގެ ގޮތުގައި މިހާރު އެވަގުތު ބޮޑީއަށް އެޓެންޑްވި އެހެން ޑޮކްޓަރެއް ހުށަހަޅާ ގޮތަށް ބަދަލުކުރުމަށް އެދިފައެވެ.

ދިފާއީ ވަކީލުންގެ ސުވާލުތައް އަމާޒުވެފައިވާއިރު، ޑޮކްޓަރަކީ އަނަސްގެ މަރުގެ ރިޕޯޓްގައި އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައިވާ ޑޮކްޓަރެއްތޯ ސާފުކޮށްދިނުމަށް ވަކީލުން އެދިފައިވެއެވެ.

މިކަމާ ގުޅިގެން ދައުލަތުގެ ވަކީލުން ބުނީ އެ ޑޮކްޓަރަކީ އެންމެ ފުރަތަމަ ބޮޑީއަށް އެޓެންޑްވި ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ޑޮކްޓަރެއްކަން ހޮސްޕިޓަލުގެ ލިޔެކިޔުންތަކުން ހާމަވާ ކަމަށެވެ.

އަންނަ މަހުގެ 2 ވަނަ ދުވަހަކަށް 4 ހެކިން ހާޒިރު ނުކުރެވިއްޖެނަމަ ދެން އެފުރުސަތު ލިބޭނީ 10 ވަނަ ދުވަހު އެކަނިކަމަށް ގާޒީވަނީ އަންގަވާފައެވެ.

ހައިކޯޓުގެ ނިންމުމާއެކު ޝަރީއަތް ދިގުލައިގެންދަނީ

އަނަސްގެ މަރުގެ މައްސަލާގައި ގިނަ ސިއްރު ހެކިތަކެއްވެސް ހިމެނެއެވެ. އެހެންނަމަވެސް ސިއްރު ހެކިންގެ ހެކިބަސް ނެގުމާ ގުޅޭގޮތުން ހައިކޯޓުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން ހުރިހާ ކޯޓަކުންވެސް ވަނީ ސިއްރު ހެކިންގެ ހެކިބަސް ނެގުން މަޑުޖައްސާލާފައެވެ.

ޖިނާއީ މައްސަލަތަކުގައި މިހާރު ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. އަދި އެހުކުމް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ހައިކޯޓުން އިއްވި ޙުކުމުގައި، 1976 ވަނަ އަހަރު އަމަލުކުރަން ފެށި ހެއްކާބެހޭ ޤާނޫނުގައި ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، ހެއްކާބެހޭ ޤާނޫނުގައި ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތްކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮންނަކަމަށް ބުނެފައި ވެއެވެ.

ހެއްކާބެހޭ ގާނޫނަކީ 23 ސެޕްޓެންބަރ 1976 ގައި ވުޖޫދަށް އައިސްފައިވާ ޤާނޫނަކަށް ވާއިރު އެ ޤާނޫނަށް އެއްވެސް އިސްލާހެއް މިއަދާހަމައަށްވެސް އައިސްފައި ނުވާކަމާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހެކިން ޝަރީޢަތުގެ މަޖިލިހަށް ހާޒިރުނުކޮށް ހެކިބަސްދެނީ ކާކުކަން ނޭނގޭގޮތަށް ހެކިބަސް ނެގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ ހެއްކާބެހޭ ގާނޫނުގައި ބަޔާންކޮށްފައި އޮންނަޖެހޭ ހާލަތްތަކުގައި، އަދި އެޤާނޫނުގައި ހެކިބަސް ދޭމީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައި އޮންނަންޖެހޭ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، ހެކިބަސް ދޭމީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނުވަތަ ގޮތަތަކެއް ނެތްކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮންނާތީ އަބްދުﷲ ސައީދާއި ދެކޮޅަށް ތިންހެކިން ޝަރީޢަތުގެ މަޖިލިހަށް ހާޒިރުނުކޮށް ހެކިބަސް ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ހިލާފަށް ކަމަށެވެ.

އަނަސްގެ މަރުގެ މައްސަލާގައި 90 އިންސައްތައަކީ ސިއްރު ހެކިންކަން ފާހަގަކުރައްވައި ދިފާއި ވަކީލް ނިޝާން މުހައްމަދު ވަނީ ހައިކޯޓުގެ އެނިންމުން ދެމިއޮތްހާ ހިނދަކު، އަނަސްގެ މައްސަލަ ދިގު ދެމިގެންދާނެކަން ފާހަގަކުރައްވާފައެވެ، އަދި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ އެ ހުކުމްގެ މައްސަލަ ކިހާ ދުވަހެއްގެ ތެރޭގައި ނިންމޭނެކަން ސާފުކޮށްދިނުމަށް އެދުމުން އެމައްސަލަ އަވަސްކޮށްދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައިވާނެކަން ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި އެންމެފަހުން ޝަރީއަތެއް ބާއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އެ އަޑުއެހުމުގައި ދައުލަތުން ކުށް ސާބިތު ކުރުމަށް ހެކިތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ވީޑިއޯ އެނަލިސިސް ރިޕޯޓާއި، ފޯނު ކޯލު ރެކޯޑިން، އަދި އިންޓެލިޖެންސް ރިޕޯޓުގެ އިތުރަށް ޑޮކްޓަރުންގެ ހެކިބަސް ހިމެނެއެވެ. އަދި ސިއްރު ހެކި ބަސް ނެގުމަށް ވެސް ހުށަހަޅާފައިވެއެވެ. އަނަސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މީހުން ދައުވާ އަށް އިންކާރު ކުރެއެވެ.