ބޯމަތިވެފައިވާ އެފްއޭއެމުގެ އިންތިހާބުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތާއިދުކުރައްވާނެކަން ހާމަކޮށްފިއެވެ.

ބައްސާމަށް ތާއިދުކުރާނެކަން އެންމެ ފަހުން ހާމަކޮށްފައިވަނީ ކުލަބް އީގަލްސްއިންނެވެ. އީގަލްސްގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު ބުނީ އީގަލްސްގެ ބޯޑުން ބައްސާމް އަށް ތާއިދު ކުރަން ނިންމައިފައިވާ ކަމަށާއި ބައްސާމާއި އެކު ރާއްޖޭގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

މީގެއިތުރުން އެފްއޭއެމްއަށް ބޭނުންވަނީ ބައްސާމް ކަހަލަ ހަރުދަނާ ލީޑަރެއް ކަމަށާއި، ބައްސާމާއިއެކު ފުޓުބޯޅައިގެ ކުރިމަގު ފެންނަ ކަމަށާއި، ބައްސާމް ވަރެއް ނެތް ކަމަށްވެސް އީގަލްސްއިން ބުނެއެވެ.

ރައީސް ބައްސާމް ވަނީ އެ އިދާރާގެ އިންތިޚާބު އަވަސްކުރުމަށް އެފްއޭއެމްގެ ހިންގާ ކޮމެޓީއަށް ހުށަހަޅުއްވައި، އެކަމަށް ހިންގާ ކޮމެޓީން އެއްބަސްވެފައިވާކަން އިޢުލާނުކުރައްވާފައެވެ. އެހެންކަމުން މާޗު މަހުގެ ތެރޭގައި އެފްއޭއެމްގެ އިންތިޚާބު ބާއްވަން ހިންގާ ކޮމެޓީން ނިންމާފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ބައްސާމްގެ އެ ޓްވީޓާއެކު މިހާރު ފުރަތަމަ ޑިވިޝަނުގެ ވޯޓުލެވޭ ހަ ކުލަބުން ވަނީ އޭނާއަށް ތާޢީދުކުރާނެކަން ހާމަކޮށްފައެވެ. އެއީ މިއަހަރުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބް ގްރީންސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީގެ އިތުރުން ދަ ގްރާންޑޭ އެެވެ.

މީގެެއިތުރުން ދެވަނަ ޑިވިޝަނުގެ ބައެއް ކުލަބުތަކުންވެސް ވަނީ ބައްސާމަށް ތާއިދުކުރާނެކަން ހާމަކޮށްފައެވެ. އެފްއޭއެމްގެ ރައީސް ބައްސާމުގެ ފުރަތަމަ ދައުރު ހަމަވާނީ މިއަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

ކުލަބުތަކުން ބައްސާމަށް ތާއިދު އޮތްކަމަށް ހާމަކުރި ނަމަވެސް ބައްސާމް ވަނީ އަދި އިންތިހާބުގައި ވާދަކުރައްވާނެކަމާ މެދު ވަކިގޮތެއް ނުނިންމާ ކަމަށް ބުނެފައެވެ. އަދި ގޮތެއް ނިންމާނީ ހެޔޮއެދޭ ފަރާތްތަކުގެ މަޝްވަރާގެ މަތިންކަމަށް ބުނެފައެވެ.