"ކޮވިޑް-19" ގެ ނަމުން ނަންދެވިފައިވާ ނުރައްކާތެރި ވައިރަސްގެ ސަބަބުން ޖަޕާނުންވެސް މީހަކު މަރުވެއްޖެއެވެ.

މިއީ، މި ވައިރަސްގައި ޖަޕާނުން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

މިއީ، ޗައިނާއިން ބޭރުން ވައިރަސްގެ ސަބަބުން މީހަކު މަރުވި ތިންވަނަ ގައުމެވެ.

މީގެކުރިން ފިލިޕީންސާއި، ހޮންގްކޮންގުންވެސް ވަނީ، ވައިރަސްގައި ދެމީހުން މަރުވެފައެވެ.

ވައިރަސްގައި ޖަޕާނުން މީހަކު މަރުވިކަން އިޢްލާން ކުރެއްވީ ޖަޕާނުގެ ހެލްތު މިނިސްޓަރ ކަޓުސްނޮބު ކާޓޯއެވެ.

ޖަޕާނުން މަރުވެފައިވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯއާ އިންވެގެން އޮންނަ ކަނަގަވާ ޕްރިފެކްޗަރއަށް ނިސްބަތްވާ މީހެއް ކަމަށް، ޓޯކިޔޯގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ޖަޕާނަކީ، ޗައިނާއިން ބޭރުން އެންމެ ފުރަތަމަ ވައިރަސް ފެނުނު އެއް ގައުމެވެ.

ހަމަ އެއާއެކު، ޖަޕާނު މިހާރު ވެފައިވަނީ، ޗައިނާ ފިޔަވައި "ކޮވިޑް-19" އަށް ޕޮޒިޓިވް ވެފައިވާ އެންމެ ގިނަމީހުން ތިބި ގައުމަށެވެ.

ޖަޕާނުގެ ޔޮކޮހާމާގައި ބަނދަރުކޮށްފައިވާ ޑައިމަންޑް ޕްރިންސަސް ނަމަކަށްކިޔާ ކްރޫޒް ލައިނަރއަކުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ 44 މީހަކު އަލަށް ފެނުމާއެކު، އެ ކްރޫޒްލައިނަރއިން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދުވަނީ 218 އަށް އަރާފައެވެ. ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކްރޫޒްލައިނަރއަށް އެރި ކަރަންޓީނު އޮފިސަރެއްވެސް ހިމެނެއެވެ.

ކްރޫޒްލައިނަރގައި ތިބި އެންމެން ޓެސްޓްކުރުމުގެ މަސައްކަތް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން އަދިވެސް ގެންދަނީ ކުރަމުންނެވެ. ޓެސްޓްތައް ހަދަމުންދާ ވަރަކަށް ވައިރަސްއަށް ޕޮޒިޓިވްވެފައިވާ އިތުރު މީހުންދަނީ ފެންނަމުންނެވެ.

މިހާރު ފެތުރެމުންދާ ވައިރަސްގައި ޖަޕާނުން މީހަކު މަރުވިއިރު، މި ވައިރަސްގައި މިހާތަނަށް މަރުވި މީހުންގެ އަދަދުވަނީ 1،367 އަށް އަރާފައެވެ. އަދި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ ފަސްދޮޅަސް ހާހާ ގާތްކޮށްފައެވެ.