މާލީދާއިރާއާ ވިޔަފާރިއާ އިންވެސްޓްމަންޓްގެ ދާއިރާއިން އެހީތެރިކަމާ އެއްބާރުލުން ދެއްވާނެކަމަށް ކޮމަންވެލްތު އެންޓަރ ޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަން، ލޯޑް މާލޭންޑް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ލޯޑް މާލޭންޑް ވަނީ ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅިފައިވާތީ އެކަން ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. އަދި ކޮމަންވެލްތުން ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ ލޯޑް މާލޭންޑް ވަނީ ނޫ އިޤްތިޞާދެއް ބިނާކުރުމުގައި އެހީތެރިކަމާ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން ކޮމަންވެލްތުގެ ވިޔަފާރިތަކާއި އިންވެސްޓްމަންޓް ކައުންސިލާއެކު އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ލޯޑް މާލޭންޑް ވަނީ ރާއްޖޭގެ ބައެއް ސަރަޙައްދުތައް ބައޮސްފިއަރ ރިޒާވްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވައި ކުރައްވަމުންގެންދަވާ މަސައްކަތަކަށްވެސް ތައުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.