މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ޤާނޫނީ 05 ވަކީލުން ރަޖިސްޓްރީކޮށް، އޭގެ ތެރެއިން އެއްފަހަރާ ޤާނޫނީ 03 ވަކީލުންނާ ބައްދަލުކުރެވޭގޮތަށް ހަމަޖައްސައިފިއެވެ.

ކުރިން އަމަލުކުރި އުސޫލްގައިވާގޮތުން ގައިދީންނާއި ބަންދު މީހުންނަށް ގިނަވެގެން އެއްފަހަރާ ބައްދަލުކުރެވޭނީ 2 ވަކީލުންނާ އެވެ.

މި ބަދަލު ގެނެސްފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އާންމު އުސޫލުކަމުގައިވާ ޤާނޫނީ ވަކީލުންގެ ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލަށް އަމަލުކުރަން ފެށުމާ ގުޅިގެންކަމަށް އެ ސަރވިސްއިން ބުނެއެވެ.

މި އުސޫލަކީ ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން، ބައްދަލުކުރުމާއި ފޯނުކުރުމާއި، ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދުގެ ދަށުން ޤައިދީންނާއި ބަންދު މީހުންގެ ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމުގައި ޢަމަލުކުރަން ޖެހޭ ގޮތް ބަޔާންކުރާ އުސޫލެކެވެ.

މި އުސޫލްގައި ޤައިދީ ނުވަތަ ބަންދުމީހާ ޖަލަށް ގެނައުމަށްފަހު، އެ ޤައިދީ ނުވަތަ ބަންދުމީހާ ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށް އެދޭތާ 24 ގަޑިއިރުގެ ތެރޭގައި، ޤާނޫނީ ވަކީލުން ހަމަޖެއްސުމަށްޓަކައި ދިހަ މިނެޓުގެ ފޯނުކޯލެއް ދޭންވާނެކަމަށް ބުނެފައިވާއިރު ޤައިދީ ނުވަތަ ބަންދުމީހާގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްޓަކައި "ޤާނޫނީ ވަކީލު ބައްދަލުކުރުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު ޤާނޫނީ ވަކީލުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދައިގެ ކޮޕީ ހުށަހެޅުމުން އެކަން ފަހިކޮށްދެވޭނެކަމަށް ބުނެފައިވެއެވެ.

މި އުސޫލުގައިވާގޮތުން ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދާ ޚިލާފުއެއްވެސް އެއްޗެއް ޖަލު ސަރަހައްދަށް ވައްދައިފިނަމަ ނުވަތަ ވައްދަން މަސައްކަތްކޮށްފިނަމަ ބައްދަލުވުުން ކެންސަލްކޮށް ޤާނޫނީ ވަކީލުންގެ ރަޖިސްޓްރީން އުނިކުރެވޭނެކަމަށާއި އެ ވަކީލަކަށް އަލުން ރަޖިސްޓްރީކޮށް ބައްދަލުވުން ހަމަޖައްސައިދެވޭނީ ރަޖިސްޓްރީން އުނިކުރި ދުވަހުންފެށިގެން އެއް އަހަރު ފަހުންކަމަށެވެ. އަދި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ކަމާބެހޭ އިދާރާތަަކަށް ހުށަހެޅޭނެކަމަށްވެސް މި އުސޫލުގައިވެއެވެ.

މީގެ އިތުރުން ޤައިދީންނާއި ބަންދު މީހުން ވަކީލުންނާއި ބައްދަލުކުރާއިރު ޑައިރެކްޓަރ އޮފް ޕްރިޒަންސްގެ ހުއްދައާއެކު މުޢާމަލާތްކުރުމަށްޓަކައި ތަރުޖަމާނަކު ބޭނުންވެއްޖެނަމަ އެކަން ފަހިކޮށްދެވޭނެކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ޤާނޫނީ ވަކީލުންނަށް ހުކުރު ދުވަހާއި ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހެއްގައި ޤައިދީ ނުވަތަ ބަންދުމީހާއާ ބައްދަލުކުރުމަށް އެދެވިދާނެކަމަށްވެސް މި އުސޫލްގައި ވަނީ ބުނެފައެވެ.

ބަދަލު ގެނެވުނު މި އުސޫލުގައި ޤާނޫނީ ވަކީލުން ރަޖިސްޓްރީކުރުމާއި އެ ފަރާތްތަކާއި ބައްދަލުކުރުމާއި ބެހޭގޮތުން އަމަލުކުރަންވީ އުސޫލުތަކުގެ ތަފްސީލު ބަޔާންކުރެވިފައިވާއިރު، ވަކީލް ބައްދަލުވުމަށް އެދި ހުށަހަޅާ ފޯމް މާލެ ޖަލުގެ ރިސެޕްޝަނުން ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 15:00 އަށްކަމަށްވެސް ކަރެންޝަނަލް ސަރވިސްއިން ބުނެއެވެ.