ދެއަހަރު ނުވާ ތުއްތު ކުއްޖާ ރޭޕް ކުރި މައްސަލާގައި ކުއްޖާގެ ކާފައާއި މުނިކާފަގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައްސަލައިގައި ގއ. ކަނޑުހުޅުދޫ، އިބްރާހީމް ދީދީ، 62، އާއި ގއ. ކަނޑުހުޅުދޫ، ހަސަން މޫސާދީދީ، 82، ގެ މައްޗަށް، ދައުވާ ކުރުމަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ކުޑަ އަންހެން ކުއްޖާގެ ކާފަ، އުމުރުން އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީއާއި މުނިކާފަ އުމުރުން 82 އަަހަރުގެ ހަސަން މޫސާ ދީދީގެ މައްޗަށް އުފުލާފައިވަނީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ، އިބްރާހިމް ދީދީއާއި، ހަސަން މޫސާގެ މައްޗަށް އުފުލާ މިއަދު އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

( ވީއައިއޭ ، 18 ޖެނުއަރީ 2020 ) -- ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކާފަ އާއި މުނިކާފަ މާލެ ގެނައުން -- ވީފޮޓޯ : އަހުމަދު ޝުރާއު

ކުއްޖާގެ ބައްޕަވެސް މައްސަލާގައި ހައްޔަރުކޮށްފައިވާއިރު އޭނާގެ މައްޗަށް ދައުވާ ކުރިކަން ފުލުހުންވެސް އަދި ޕީޖީ އޮފީހުންވެސް ހާމަކޮށްފައެއް ނުވެއެވެ. އެ ތިން މީހުންގެ ބަންދަށްވެސް މިމަހު ކުރީކޮޅު ވަނީ 15 ދުވަސް ޖަހާފައެވެ.

މިދިޔަ ބުދަ ދުވަހު ޕްރޮސެކިއުޓާ ގެނެރަލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ވަނީ، މި ތިންމީހުންގެ އިތުރަށްވެސް ބައެއް މީހުންގެ މައްޗަށް ދައުވާ ކުރަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެކަން އެނގި ހުރެ އިހުމާލުވި ކަމުގެ ދައުވާ ކަމަށްވެސް ޕީޖީ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިހާތަނަށް އަދި ކާފަ އާއި މުނިކާފަ ނޫން އިތުރު މީހެއްގެމައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ.

މި މައްސަލާގައި ތިން މީހެއްގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭ އިރު އޭގެ ތެރޭގައި ހިމެނެނީ ކުއްޖާގެ ބައްޕާއާއި ކާފަ އަދި މުނިކާފައެވެ. ކާފަ އާއި މުނިކާފަގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އަދި މިހާތަނަށް ބައްޕަގެ މައްޗަށް ދައުވާ ކޮށްފައެވެ ނުވެއެވެ. މި މައްސަލާގައި މީގެ ކުރިން ފުލުހުން ބުނެފައިވަނީ ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ކުއްޖާގެ ކާފަ އާއި މުނި ކާފައަށެވެެ. އަދި ބައްޕަގެ މައްޗަށް ކުރެވެނީ އިހުމާލުވިކަމުގެ ތުހުމަތެވެ.