ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމަށް އެޕާޓީން ބާއްވާ ޕްރައިމަރީ އިންތިހާބު ފަށައިފިއެވެ.

ޖުމްހޫރީ ޕާޓީން ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބާއްވަނީ 3 ތަނެއްގައެވެ. އެއީ މާލެ ސިޓީއާއި މާމިގިއްޔާއި ފެންފުއްޓެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ތައްޔާރުވުމުގެ ކަންކަން ރާވާ ބެލެހެއްޓުމަށް ވަނީ އިންތިޚާބީ ކޮމިޓީއެއް އެކުލަވާލާފައެވެ. އެ ކޮމެޓީގެ ރައީސް، ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވީ މާލޭގެ ވޯޓު ފޮށިތައް ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ ކުނޫޒުގައި ބަހައްޓާފައިވާއިރު، ކުނޫޒުައި ބަހައްޓާފައިވަނީ ޖުމްލަ ތިން ފޮއްޓެކެވެ. އެއީ މާލެ ސިޓީ 15، މާމިގިލި- މާލެ އަދި ފެންފުށި - މާލެ މި ތިން ފޮއްޓެވެ.

މީގެ އތުރަށް މާމިގިލީގައި ދެ ފޮށި ބަހައްޓާފައި ވާއިރު މި ފޮށިތައް ބަހައްޓާފައި ވަނީ މާމިގިލި ޕްރީ ސްކޫލާއި، އިޖްތިމާއީ މަރުކަޒުގައެވެ. ފެންފުށީގެ ވޯޓު ފޮށި ބަހައްޓާފައި ވަނީ އެރަށުގެ ޖުމްހޫރީ ޕާޓީ ޖަގަހައިގަ ކަމަށެވެ.

ޝަކުވާ ހުށަހެޅުމަށްޓަކައި ބިއުރޯއެއް ގާއިމްކޮށްފައިވާކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ބިއުރޯ މެދުވެރިކޮށް އިންތިހާބީ ޝަކުވާތައް އިންސާފުވެރިކަމާއެކު ބެލޭނެ ކަމަށެވެ. އެގޮތުން މާމިގިއްޔާއި އަދި ފެންފުށީގައި ޕާޓީގެ އޮފީހުގެ ފަރާތުން ބޭފުޅުން ތިއްބަވާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އަދި މައިތަނެއްގެ ގޮތުގައި ބިއުރޯ ގާއިމްވެފައި ހުންނާނީ ކުނޫޒުގައި ކަމަށާއި އެހެންނަމަވެސް އެހެން ރަށްރަށުގައިވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. ފެންފުށި އަދި މާމިގިލީގައި ވޯޓުލުމުގެ ހުރިހާ ކަންތައްތަކެއް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާނީ މާލެއިން ދާ ޓީމެއް ކަމަށާއި މިރޭގެ ވަގުތެއްގައި ވޯޓުފޮށްޓާއި އަދި ވޯޓުކަރުދާސް ހިފައިގެން ޓީމުތައް ރަށްރަށަށް ދާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

އެހެން ޕާޓީތަކާއި ޚިލާފަށް ޖޭޕީން މިފަހަރު ބާއްވާ އިންތިހާބުގައި ވޯޓުކަރުދާހުގެ ސެކިއުރިޓީ ވަރަށް ވަރުގަދަވާނެ ކަމަށާއި މި އިންތިހާބުގައި 3 ގޮތަކަށް ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން 3 ވޯޓުކަރުދާހެއް އޮންނާނެކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ރަށު ކައުންސިލް ރައީސްގެ ހޮވުމުގެ ވޯޓު ކަރުދާސްކޮޅާއި، ރަށު ކައުންސިލްގެ މެމްބަރުން ހޮވުމުގެ ވޯޓު ކަރުދާސްކޮޅުގެ އިތުރަށް ރަށު ކައުންސިލްގެ އަންހެން މެމްބަރު ހޮވުމުގެ ވޯޓު ކަރުދާސްކޮޅު އޮންނާނެ ކަމަށެވެ.

ޔާމީން ވިދާޅުވީ އަތޮޅު ކައުންސިލްގެ ރައީސް ހޮވުމުގައި ޕްރައިމަރީއަކަށް ނުދާނެ ކަމަށެވެ. އަދި އެ 3 ވޯޓު ކަރުދާސްކޮޅު އޮންނާނީ ފާހަގަވާނެ ގޮތަށް 3 ކުލައަކުން ކަމަށާއި ވޯޓުކަރުދާހުގައި ރަނގަޅު ފާހަގަޖަހަން އޮންނަ ގޮޅީގައި ރަނގަޅު ފާހަގަ ޖެހުމުގައި ވޯޓުލާ ފަރާތްތަކުން ސަމާލުވުމަށްވެސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ. ވޯޓުން ހޮވަންޖެހޭ އަދަދަށްވުރެ ގިނައިން ވޯޓު ކަރުދާހުގައި ހެޔޮ ފާހަގަ ޖަހައިފިނަމަ ވޮޓު ކަރުދާސްކޮޅު ބާތިލްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.