ގްރޭޑު 9 އަދި 10 ހިމެނޭ ކީސްޓޭޖް ހަތަރެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ކީރިތި ޤުރުއާނުން އިމްތިހާނު ހެދުމުގެ އުސޫލަށް އަމަލުކުރުން ފަސްކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މިކަން ނިންމައި އެ މިނިސްޓްރީން ވަނީ ހުރިހާ ސްކޫލަކަށް ސާރކިއުލަރ އެއް ފޮނުވާފައެވެ. މި ސަރކިއުލަރގައި ވަނީ ޤައުމީ މަންހަޖެއް ތަންފީޒްކުރުމަކީ ވަކި އުސޫލަކުން ކުރާކަމެއްކަމަށާއި، މަންހަޖު ފުރިހަމައަށް ތަންފީޒްކުރާއިރު ޢަމަލީ ގޮތުން ކޮންމެ މަރުހަލާއެއްގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށްވެސް ފުރިހަމައަށް ލިބެންޖެހޭކަމަށެވެ.

ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށީ މުޅިން އަލަށް ކަމަށާއި އެެހެންކަމުން އެ ފެންވަރުގައި ގުރުއާން ކިޔަވައިދިނުމާއި އިމްތިހާންކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް މި ސަރކިއުލާގައި ވަނީ ބުނެފައެވެ.

އަދި މިހާރު ކީސްޓޭޖް ހަތަރެއްގައި ކިޔަވާ ދަރިވަރުން ތިބީ ގުރުއާން މާއްދާ އިން އިމްތިހާނެއް ހަދަން ތައްޔާރުކޮށްފައި ނޫންކަން ވެސް ސާކިއުލާގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ކީސްޓޭޖް 4ގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ޤުރުއަން މާއްދާއިން އިމްތިހާނެއް ހަދާ މިންވަރަށް ތައްޔާރު ނުކުރެވިކަމަށްވާތީ، އެކަންކަމަށް ރިޔާއަތްކޮށް ކީސްޓޭޖް 4 އެއްގޮތަށް ދަރިވަރުން ތައްޔާރުކުރެވެންދެން ޤުރުއާނުން އިމްތިހާނުކުރުމުގެ އުސޫލަށް އަމަލުކުރުން ފަސްކުރުމަށް ނިންމާފައިވާކަމަށެވެ.

މިގޮތަށް ނިންމީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުން އަދި ކަމާގުޅުންހުރި ފަރާތްތަކާ އެކު މަޝްވަރާކުރުމަށްފަހު، މަޝްވަރާ ކުރެވުނު ގިނަ ފަރާތްތަކަށް މިއީ ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް ފެންނާތީކަމަށްވެސް މި ސަރކިއުލާގައި ބުނެފައިވެއެވެ.