މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރާ އައު ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ތަހުގީގީ އިދާރާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް އިން އަކަމީޓަރެއް 10.35 ޑޮލަރަށް ކުއްޔަށް ދޫކުރަން 28 ނޮވެމްބަރު 2017 ގައި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގެ ބައްދަލްވުމެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގައި މިހާރު ސީޕްލޭން އޮޕަރޭޓް ކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނިކަމަށްވާ ޓީއެމްއޭ އާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާއި އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަކުރެވިފައިވާއިރު، އެމްއޭސީއެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ފަރާތްތަކުގެ މަސްލަހަތު އެކުންފުނިތަކުގައި އޮންނަކަން އޭސީސީއަށް ފަހަގަކުރެވިފައިވާ ކަމަށެވެ. އަދި އެފަރާތްތަކާއި އެކު އެމްއޭސީއެލްއިން ހަދާ އެގްރިމެންޓުތަކުގައި އެ ފަރާތްތަކުގެ މަސްލަހަތު ފުށު އާރާކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީގެ ބަޔާން ރީޓްވީޓް ކުރަމުން އެމްއޭސީއެލްގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ، ސީޕްލޭން ޓާމިނަލްއާ ގުޅޭ ތަހުގީގުތަކަށް އެ ކުންފުނިން ފުރިހަމައަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ތަހުގީގުތަކަށް އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

އެމްއޭސީއެލް އެދުމަކ މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އަޅާފައިވާ އާ ރަންވޭ ބޭނުން ކުރަން ފެށުމަށްޓަކައި ވެސް، އާ ސީޕްލޭންއާ ގުޅޭ ގޮތުން މިހާރު އުފެދިފައިވާ ބޮޑު މައްސަލަގަނޑުގައި ގޮތެއް ނިންމުން އަވަސް ކޮށްދިނުމެވެ. އެއީ، އެއާޕޯޓުގައި ތޮއްޖެހުން ހައްލުކޮށް، އެއާލައިންތަކުން ކުރާ ހޭދަ ކުޑަކުރެވެން އޮތީ އާ ރަންވޭ ބޭނުން ކުރަން ފެށުމުން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.